ސްވިޒަލޭންޑްގެ އަންހެނަކު ވަޒީފާއެއް ހޯދަން އިންޓަވިއުއަކަށް ގޮސްފައި އިންޓަވިއު ކުރަން އިން ފިރިހެނަކާއި ސަލާމް ކުރަން ދެކޮޅު ހެދުމުން އެހިސާބުން އިންޓަވިއު މެދުކަނޑާލި މައްސަލައިގައި ކުންފުނި ކުށްވެރިވެ، މުސްލިމް އަންހެން މީހާ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ތިން ހާސް ޕައުންޑް (58000 ރުފިޔާ) ދޭން ޖެހިއްޖެއެވެ.

އިންޓަވިއު ކުރަން އިން ހިލޭ ފިރިހެނަކާއި ސަލާމް ކުރަން މުސްލިމް އަންހެނެއް ކަމަށްވާ ފަރާ އަލާޖް ދެކޮޅު ހެދުމުން އިންޓަވިއު ވަނީ މެދު ކަނޑާލާފައެވެ. އިންޓަވިއު މެދުކަނޑާލުމުން ފަރާ ވަނީ އޭނާ ވަޒީފާއެއް ހޯދަން އުޅުނު ކުންފުންޏާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައެވެ.

ފަރާ ކޯޓުގައި އެދުނީ އޭނާގެ ވަޒީފާގެ އިންޓަވިއު އެކަށީގެންވާ ސަބަބެއް ނެތި، ޤާނޫނާއި، ޤަވައިދާއި އަދި އާންމު އުސޫލާއި ހިލާފަށް ހުއްޓާލާފައި ވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ވަޒީފާ އިއުލާން ކުރި ކުންފުނީގެ އަތުން ނަގައި ދިނުމަށެވެ.

ފަރާ ހިލޭ ފިރިހެނަކާއި ސަލާމް ކުރަން ދެކޮޅު ހެދީ 2016 ވަނަ އަހަރުގެ މެއި މަހު އެވެ. އޭނާ ދައުވާ ކުރި މައްސަލައިގެ ޙުކުމް އިއްވާފައި ވަނީ މިދިޔަ ހަފްތާގައެވެ.

ސްވިޒަލޭންޑްގެ ލޭބާ ކޯޓުގައި ފަރާ ބުނީ ފިރިހެނުންނާއި އަތާއި އަތް ޖޯޑު ކުރުމަކީ އޭނާ ގަބޫލުކުރާ ދީނީ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ބުނުމުން އިންޓަވިއު ކުރަން އިން މީހާގެ މޫނުމަތިން ރުޅިވެރިކަން ފެނުނު ކަމަށެވެ.

"ރުޅި އައިސްގެން އޭނާގެ މޫނު ރަތްވެގެން ދިޔަ. އަދި ބުނި، މިތާންގާއި އުޅޭ އެންމެން ވެސް އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރަން ޖެހޭނެއޭ." ފަރާ ބުންޏެވެ.

ކޯޓުން މައްސަލަ ނިންމާފައި ވަނީ ފަރާ ވަޒީފާ ހޯދަން އުޅުނު ކުންފުނިން ޤާނޫނާއި ހިލާފުވެފައި ވާތީ ބަދަލެއްގެ ގޮތުން ފަރާ އަށް 3000 ޕައުންޑް ދިނުމަށެވެ.

އަދި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރަން ވެސް ކޯޓުން ވަނީ އެކުންފުންޏަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔޭ

    ޔޭ