އެޓްލާންޓިކް ކަނޑުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ސަންދަވަގޫރް އަށް 180 އަށް ވުރެ ބޮޑުމަސް ލައްވެ، އެރަށުގެ ފަޅުތެރެ ބޮޑު މަހުގެ ލެއިން ރަތް ވެއްޖެއެވެ.

ސަންދަވަގޫރް އަށް މީގެ ކުރިން ވެސް ބައެއް މޫސުންތަކުގައި ވަރަށް ގިނައިން ބޮޑުމަސް ލައްވެއެވެ. ބޮޑުމަސް ލައްވާ މޫސުންތަކުގައި އެރަށުގެ ރައްޔިތުން ނިކުމެ މަސްތައް މަރާ، އެމަސައްތައް އެއްގަމަށް ގެންދެއެވެ. މިފަަހަރު ވެސް އެމީހުން ވަނީ އެގޮތައް ކަންތައް ކޮށްފައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިން ނިކުމެ ބޮޑުމަސްތައް މަރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ މީސް މީޑިއާގައި އާންމު ވެފައެވެ.

ސަންދަވަގޫރް އަކީ ނޯވޭ އާއި އައިލެންޑާއި ދެމެދުގައި އޮންނަ ރަށެވެ. ފަރޯއީ އައިލެންޑްގެ އެރަށު މީހުން ބޮޑުމަސްތަކާއި މެދު އަމަލު ކުރާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ސަންދަވަގޫރްގެ މީހުން ގަބޫލު ގޮތުގައި ބޮޑުމަސްތައް ކޮންމެ އަހަރަކު ވެސް އެކި މޫސުންތަކުގައި އެރަށުގެ ފަޅުތެރެއަށް ވަނުމަކީ އެމީހުންނަށް ލިބޭ ނިއުމަތެކެވެ. އެހެންކަމުން އެނިއުމަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށް އެރަށުގެ މީހުން ގަބޫލު ކުރެއެވެ.

ސަންދަވަގޫރްގެ ރައްޔިތުން މިމަސްތައް ގިނަ ދުވަސްތަކެއް ވަންދެން ރައްކާކޮށްފައި ބަހައްޓާ ކެއުމަށް ބޭނުން ކުރެއެވެ. އެރަށަށް ހާއްސަ ކެއުންތައް އެމީހުން ބޮޑުމަހުން ތައްޔާރު ކުރެއެވެ.

ސަންދަވަގޫރްގެ ރައްޔިތުން ބޮޑުމަސްތަކާއި މެދު ގެންގުޅޭ އިހާނެތި ގޮތްތައް ހުއްޓުވަން ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ވަނީ ހާއްސަ ކެމްޕޭނެއް މިހާރު ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު