އެމެރިކާގެ އޮރެގޮންގައި މިދިޔަ ހޯމަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް އާއިލާއެއްގެ ހަތް މެންބަރުން މަރުވުމުން އެއާއިލާއަށާއި އަވައްޓެރިން ބޮޑު ހިތާމައެއް ތަހައްމަން ކުރަން ޖެހިއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ އާއިލާގެ މެންބަރުން ދުއްވަމުން ދިޔަ ވެހިކަލެއްގައި އެހެން ވެހިކަލެއް ޖެހިގެންނެވެ. އެއް އާއިލާ ތިބި ވެހިކަލްގައި ތިބީ އެރިކާ ކިޔާ އުމުރުން 29 އަހަރުގެ އަންހެނަކާއި އޭނާގެ ތިން ދަރިންނާއި އެރިކާގެ ކޮއްކޮ 28 އަހަރުގެ ކައިލާ ބްރައުން އާއި އޭގެ ދެ ދަރިންނެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެވެހިކަލް ޖެހިގެން ކަމަށެވެ. އާއިލާ މެންބަރުން ތިބި ވެހިކަލްގައި ޖެހުނު ވެހިކަލް ދުއްވަން އިން މީހާ ވެސް ވަނީ މިއެކްސިޑެންޓްގައި މަރުވެފައެވެ.

އެރިކާގެ ތިން ދަރިންގެ ތެރެއިން އިސަބެލާގެ އުމުރުން 11 އަހަރެވެ. އެލީސާބެއިތުގެ އުމުރުން ނުވަ އަހަރެވެ. ޓައިޓިސްގެ އުމުރުން ހައަހަރެވެ. ކައިލާގެ ދަރިފުޅު އެރިއާނާގެ އުމުރުން ދިހަ އަހަރެވެ. ޒަވިއާގެ އުމުރުން ދެއަހަރެވެ.

އެރިކާ އާއި ކައިލާގެ ބައްޕަ އަދި އެކްސިޑެންޓްގައި މަރުވި ކުދިންގެ ކާފަ ބުނީ މިލިބުނީ ބަރުދާސްތު ކުރަން ބޮޑު ހިތާމައެއް ކަމަށެވެ. "އަހަރެންގެ ބޮލަށް ދުނިޔެ ވެއްޓުން ފަދަ ބޮޑު ހިތާމައެއް މިއޮތީ ބަރުދާސްތު ކުރަން ޖެހިފައި. ދެން ކަންތައް ކުރާނީ ކިހިނެއް ކަމެއް ވެސް އަހަރެންނަކަށް ނޭނގެ." އޭނާ ބުންޏެވެ.

އެރިކާ އާއި ކައިލާ ދަންނަ މީހުން ބުނާ ގޮތުގައި އެއީ އެންމެންނާއި ވެސް ގުޅޭ ވަރަށް އެކުވެރިން ދެބެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު