އެމެރިކާގެ މިނެސޮޓާގެ އަންހެނެއް ކަމަށްވާ އުމުރުން 29 އަހަރުގެ މިޝޭލް އަގީ މިދިޔަ އަންގާރަ ދުވަހު ޑޮކްޓަރަށް ދެއްކީ ބަނޑުގައި ރިއްސާތީއެވެ. ނަމަވެސް ޑޮކްޓަރު ބެލުމަށް ފަހު ބުނީ މިޝޭލް ވިހަން ނުޅޭ ކަމަށާއި ގެއަށް ގޮސް އަރާމު ކުރުމުން ރަނގަޅު ވާނެކަމަށެވެ.

މިޝޭލް ވަަރަށް އާދޭސް ކުރުމުން ވެސް އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރާކަށް ޑޮކްޓަރުން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ހޮސްޕިޓަލުން ނިކުތީ ގެއަށް ދާށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ.

ގެއަށް ދިއުމަށް ބަހަށް އަރައިގެން ދަތުރު ކުރަމުން ދަނިކޮށް ބަހުގެ ތެރެއަށް މިޝޭލް ވަނީ ވިހާފައެވެ.

"އަހަރެންގެ ބަނޑުގެ ރިހުން ދިޔައީ ގަދަވަމުން. ކުއްލިއަކަށް އަހަރެން ބަހުގެ ތެރެއަށް ވިހެއީ. އަހަރެންނަށް ހީވީ އަހަރެން މިމަރުވަނީ ހެން." މިޝޭލް ބުންޏެވެ.

މިޝޭލްގެ ފިރިހެން ކުއްޖަކު މިހާރު ވެސް އެބަހުއްޓެވެ. އުމުރުން ތިން އަހަރުގެ ދަރިފުޅު ވިހެއުމުގައި އޭނާ މިފަދަ ތަޖުރިބާއެއް ކޮށްފައެއް ނުވެއެވެ. މިޝޭލް ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ތާރީޚަކީ ސެޕްޓެމްބަރ އަށެކެވެ.

މިޝޭލް އާންމުކޮށް ދަތުރު ކުރަނީ ޓެކްސީގައެވެ. ނަމަވެސް އެދުވަހު ޓެކްސީއެއްގައި ދަތުރު ނުކުރެވުނީ މަގުމަތިން ޓެކްސީއެއް ނުލިބިގެންނާއި ފޯނުގެ ބެޓެރި ގޮސްގެން ފޯން ނިވިފައި އޮތުމުން ޓެކްސީ ސެންޓަރަކަށް ނުގުޅިގެންނެވެ.

މިޝޭލްގެ ބަނޑުގެ ރިހުން ގަދަވިއިރު ބަހުގައި އިތުރު ހަފަސެންޖަރުން ތިއްބެވެ. މިޝޭލް އަށް އެހީތެރިވާން އެމީހުން މަސައްކަތް ކުރިއެވެ. ބަސް މަޑުކޮށް 911 އަށް ވެސް ގުޅިއެވެ. ބައެއް ފަސެންޖަރުން ބަހުން ފައިބާ އެހީއަކަށް އެދުނެވެ. މިޝޭލް ވިހެއުމުގައި އެހީވީ ކައިރީގައި އޮތް ވެހިކަލެއްގައި އިން މީހެކެވެ.ދެތިން މިނެޓް ތެރޭގައި މިޝޭލް ވިހެއީ ފިރިހެން ކުއްޖެކެވެ.

މިހާރު ދެމައިންނަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު