ކާޅަކީ ބައެއް މީހުން ވަރަށް ފޫހިވާ އެއްޗެކެވެ. ނަމަވެސް ފްރާންސްގެ ޕާކެއްގައި އުޅޭ ކާޅުތަކެއް ދެކެ ވަރަށް ގިނަ ބަޔަކު މި ވަނީ ހިތްޖެހިފައެވެ. އެ ކާޅުތަކަށް އެންމެންގެ ސަމާލުކަން ހުއްޓިފައި މިވަނީ ކާޅުތައް ޕާކް ސާފްކޮށްދީ ބެލެހެއްޓުމުގައި ކުރަމުންދާ މަސައްކަތް ފެނި އަންތަރީސްވާ ހާލުގައެވެ.

މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި އެޕާކަށް ޒިޔާރަތްކުރި މީހުންގެ ލޮލުގައި އެ ކާޅުތައް އުޅޭގޮތް އަޅައިގަތެވެ. އަދި އެ މީހުން ދަނީ އެވާހަކަތައް މީސްމީޑިއާގައި ހިއްސާކޮށް ފޮޓޯ އާއި ވީޑިއޯވެސް ޢާންމުކުރަމުންނެވެ. އެ ކާޅުތައް ޕާކަށް ޒިޔާރަތް ކުރާ މީހުން އަޅާ ކުނިތައް ހޮވައިގެން ހަދަނީއެވެ. އާއްމުކޮށް ކާޅުތައް ނަގާ އެއް ބާވަތްކަމަށް ވަނީ ސިގިޓް ބަޓާއި، ބައެއް ވައްތަރު ކުންޏެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ކާޅުތައް ޕާކު ސާފުކޮށް ބެލެހެއްޓުމަށް ތިބޭ މީހުންގެ ވަޒީފާ އަދާކުރަމުންދެއެވެ. އެ ކާޅުތަކަކީ އެކަމަށް ތަމްރީނުކޮށްފައިވާ ކާޅުތަކެއްކަމަށް ވެއެވެ.ކާޅުތައް ކުރާ އެ މަސައްކަތުގެ އެޖޫރައެއްގެ ގޮތުން އެ ކާޅުތަކަށް ދެނީ ކާނާއެވެ.

އެ ޕާކުގެ މެނޭޖަރ ބުނީ، މިގޮތަށް ކާޅުތައް ޓްރެއިންކޮށްގެން އެ ކާޅުތައް ލައްވާ މަސައްކަތްތައް ކުރަނީ އާއްމުންނަށް އެކަން ނުކުރެވޭތީ، އެކަން ކުރުމަށް އާއްމުންނަަށްވެސް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުނިއެޅުމާއި ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދުމަށް ކަމަށެވެ.

މި މަންޒަރު ފެނުމުން ފްރާންސްގެ އަމިއްލަ ބައެއް އެހެން ޕާކުތައްވެސް ހިންގާ ފަރާތްތަކުން ވަނީ، މިގޮތަށް ޢަމަލުކޮށް ކާޅު އާލާކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ބޮލަށް ގުއިދުއްވާލީމާ ހުންނާނީ ކާޅު އަލާކުރެވިފައި.

  2. ބްލެކް ބިއުޓީ

    އެންމެ ފަހުން ގިނަމީހުން ރުޅިއަރާ ދޫނިވެސް މިވީ ނުހަނު ބޭނުންތެރި އެއްޗަކަށް..