ވާރޭގެ ބަދަލުގައި "ކެކިކެކި ހުންނަ ދަގަނޑު" ވެހޭ އާދަޔާއި ޚިލާފަށް ހޫނުގަދަ ގުރަހައެއް (ޕްލެނެޓެއް) ހޯދައިފިއެވެ.

ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ބިޔަ ގުރަހަކަމަށްވާ މުޝްތަރީ (ޖުޕިޓަރ) އަށްވުރެ 2.8 ގުނަ ބިޔަ މި ގުރަހައަކީ މިހާތަނަށް ހޯދިފައިވާ ގުރަހަތަކުގެ ތެރެއިން އެންމެ ހޫނުގަދަ ގުރަހަކަމަށް ވެއެވެ. އެގޮތުން މި ގުރަހައިގެ ތެރޭގައި ވިލާގަނޑުތަކެއްގެ ގޮތުގައި، ވިރިވިރި ހުންނަ ދަގަނޑާއި އެފަދަ ބާރުގަދަ އެނޫންވެސް މާއްދާތައް ވާއިރު، ވާރޭގެ ގޮތުގައިވެސް ވެހެނީ އެތަކެތި ކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ ޢާންމު ގޮތެއްގައި އިރުފަދަ ތަރިތަކުގެ ޖައްވީ ފަށަލަތަކުގެ ތެރެއިން ފެންނަ ފަދަ މަންޒަރެކެވެ.

"ކެލްޓް-9ބީ"ގެ ނަމުން ނަންދީފައިވާ މި ގުރަހަ ހޯދާފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްވެރިންނެވެ. މި ގުރަހަ ފެނިފައިވަނީ ދުނިޔެއާއި 650 އަލި އަހަރު ދުރުން ދުނިޔޭގެ ސޫރުދަ ނިޒާމުގެ ބޭރުންނެވެ. ސައިންސްވެރިން ބުނެފައިވާގޮތުގައި މި ގުރަހަ ދައުރުވަމުން ދަނީ ގުރަހަ ހިމެނޭ ނިޒާމުގެ އިރާއި އާދަޔާއި ޚިލާފަށް ކައިރިން ކަމަށާއި، އަބަދުވެސް އިރަށް ކުރިމަތިލާފައި ވަނީ ގުރަހައިގެ އެއް ފަޅި ކަމަށެވެ. މިކަމުގެ ސަބަބުން އިރުގެ ރޭޑިއޭޝަންގެ އަސަރުކޮށް ކެލްޓް-9ބީ އަށް ވަރަށް ބޮޑަށް ބަދަލު ައައިސް، ގުރަހައިގެ އަސްލު ސިފަ ވަނީ ގެއްލިފައެވެ.

ބެލެވޭ ގޮތުގައި ކެލްޓް-9ބީ އޭގެ އިރުގެ ވަށައިގެން ދައުރުކުރުމަށް ނަގަނީ އެންމެ 36 ގަޑިއިރެވެ. މި ގުރަހައިގެ އެތެރޭގެ ޢާންމު ހޫނުމިން 4300 ޑިގްރީ ސެލްޝިއަސް އަށް އަރާއިރު، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ އިރުގެ ބޭރުގެ ފަށަލައިގެ ހޫނުމިނަކީވެސް 5778 ޑިގްރީ ސެލްޝިއަސް އެވެ.

ސައިންސްވެރިން މިހާރު ދަނީ ކެލްޓް-9ބީ އާއި ބެހޭ އިތުރު ހޯދުންތައް ހޯދައި، އެ ގުރަހަ ހިމެނޭ ސޫރުދަނިޒާމުގައި އިތުރު ގުރަހަތަކެއްވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއާޒް

    ހެޑްލައިން ރީތި، ހިމަނާފައިވާ މައުލޫމާތުވެސް ރަނގަޅު

  2. ކަހުރަބު

    ތީ ހައްތާވެސް މުސްލިމުންނަށް އޮޅުވާލަން ޔަހޫދީން ފަތުރާ ބުހުތާން. ތިއީ ދެން ކިހިނެއް ވާނެ ކަމެއްތަ؟

  3. Anonymous

    އަނެއްކާ މިމީހުންނަށް ފެނުނީ އަލަށް އެކަމު ހަލާކުވެފަޔޯ އަލަށް ފެނުނުއިރު ހަލާކުވެފާކަން ކިހިނެއް އެނގުނީ