އިނގިރޭސިވިލާތުގެ މަޝްހޫރު ޓީވީ ޝޯވް، "ބްރިޓެއިން ގޮޓް ޓެލެންޓް" އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ތަރި ސިމޯން ކާރ މަރާލާފައި އޮއްވައި ފެނިއްޖެއެވެ.

އުމުރުން 31 އަހަރުގެ ސިމޯންގެ ހަށިގަނޑު ފެނިފައިވަނި އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ. އޭރު އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީ އޮތީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ސިމޯންގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އޭނާގެ އުމުރުން ހަ އަހަރުގެ ފިރިހެން ދަރިފުޅަށެވެ. އެއާއި އެކު އޭނާ ވަނީ ވަގުތުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓުކޮށްފައެވެ. ފުލުހުން ޕެރަމެޑިކުންނާއި އެކު އެގެއަށްދިޔައިރުވެސް ސިމޯން އޮތީ މަރުވެފައި ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން އެވަގުތު އެ ސަރަޙައްދިޔަ ފުލުހުން، ސިމޯންގެ ގެ ހުންނަ މަގުން، ޝައްކު ކުރެވޭ އުމުރުން 40 އަހަރުގެ މީހަކު އަތުލައިގަނެފައި ވާއިރު، އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ. ސިމޯންގެ ކުއްލި މަރާއި ގުޅިގެން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން މީސްމީޑިއާގައި ހިތާމަ ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ވަނީ އެކަމުގެ ތަހުޤީޤެއްކޮށް އޭނާގެ މަރުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައި ކެމްޕޭނެއްވެސް ފަށާފައެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއީ ގޭންގަކުން ހިންގި މާރާމާރީއެއް ކަމަށް ނުބެލެވޭކަމަށާއި، ހާދިސާ ހިނގައި ދިޔަގޮތް ބަލަމުންދާއިރު ތަހުޤީޤަށް ބޮޑެތި ކުރިއެރުން ލިބެން ފަށާފައިވާކަމަށެވެ.

ސިމޯންއަކީ ބްރިޓެއިންސް ގޮޓް ޓެލެންޓުގައި "ބީ ޕޮޒިޓިވް"ގެ ނަމުން މަޝްހޫރުވި ކޮޔަރ ގްރޫޕެއްގެ ލަވަކިއުންތެރިއެކެވެ. އޭނާ ނިސްބަތްވާ އެ ގްރޫޕުން ވަނީ މިއަހަރުގެ ޝޯވްގެ ފައިނަލުންވެސް ފުރުސަތު ހޯދާފައެވެ.