ނިސްބަތުން ބަލާއިރު އިންޑިއާއަކީ މާރާމާރީ އެންމެ ގިނަ އެއް ޤައުމެވެ. އާދައިގެ ކުދިކުދި މައްސަލަތަކާއި ދީނީ މައްސަލަތަކާއި ގުޅިގެން ހަމަނުޖެހުމާއި މާރާމާރީ ހިންގުމަކީ އެ ގައުމުގައި ޢާންމުކޮށް ހިނގާ ކަމެކެވެ. ދާދިފަހުންވެސް އެފަދަ މައްސަލައެއް ވަނީ ފެންތިވެފައެވެ.

އެގޮތުން މިފަހަރު އެޤައުމަށް ނިސްބަތްވާ ބަޔަކު އަރައިރުންވެ ތަޅާފޮޅާފައި ވަނީ ސައިކުރައެއް ގެއްލުނު މައްސަލައެއްގައެވެ. މިދިޔަ ބުދަ ދުވަހު ސައިކުރައެއްގެ މައްސަލައިގައި ބޮޑު މާރާމާރީއެއް ހިނގައި އެކަކު މަރުވެފައިވާއިރު އިތުރުތިންމީހަކަށް މީހަކަށް މި މާރާމާރީގައި ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އަސާމްގެ ބިސްވަނާތް ޑިސްޓްރިކްޓްގައި މި ހާދިސާ ހިނގާފައި ވަނީ އެ ހަތަރު މީހުން ވޭނެއްގައި ދަތުރުކުރަމުންދަނިކޮށް އެ މީހުންނާއި ކުރިމަތިލި ބައަކާއި ހިނގި މާރާމާރީއެއްގައެވެ. އެ ހަތަރު މީހުން ދިޔައީ އޫރު ގަތުމަށް ކަމަށް އެ މީހުން ބުންޏެވެ. ނަމަވެސް އެ މީހުން ދާން ބޭނުންވާ މިސްރާބަށް ދެވުމުގެ ކުރިން ބޮޑު ގުރޫޕެއް އެ މީހުންނާއި ދިމާކޮށް މާރާމާރީއެއް ހިންގިއެވެ.

އެ ގުރޫޕުން، ވޭނުގައި ތިބި މީހުނާއި ކުރިމަތިލީ ސައިކުރައެއް ގެއްލުނު މައްސަލައިގައި، އެއިން އެކަކު އެ ސައިކުރަ ވަގަށް ނަގާފައިވާ ކަމަށް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ހަތަރު މީހުންނާއި 100 އެއްހައި މީހުން ވަނީ ކުރިމަތިލާފައެވެ.

ފުލުހުން ބުނީ، އެ ހަތަރު މީހުންނަކީ ދެ ގެރި ވަގަށް ގެންދިޔަ ބައެއް ކަމަށެވެ. އަދި އެ މީހުން ވަގަށް ނެގި ދެ ގެރި ވޭނު ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ތެރެއިން މީހަކު ވަގަށް ނެގިކަމަށް ބުނާ ސައިކުރަ ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގެ ތަހުޤީޤު އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިވާކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު