ފިލްމު އުފައްދާ ކަރަން ޖޯހަރު ވެގެންދާނީ ހޯލީގެ ހަފްލާ ފިޔަވާ އެހެން ހުރިހާ ހަފްލާތަކެއްވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ތަރިއަކަށެވެ. އަދި އެކަމާ ވަރަށް ރުޅިއަންނަ ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ އަބީީޝޭކް ބައްޗަން ކަމަށް ކަރަން ބުނެފައި އެވެ.

މިހާރު ކަރަން ކުރިއަށްގެންދާ އިންޑިޔާސް ނެކްސްޓް ސްޕާސްޓަރގައި ވާހަކަ ދައްކަމުން ކަރަން ވަނީ އޭނާގެ ކުޑައިރު ހޯލީ ކުޅުމަށް އަބީޝޭކް ގެއަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއް ހިއްސާކޮށްފައި އެވެ.

އެގޮތުން އެދުވަހު ކަރަން އެގެއަށް ގޮސް އެންމެން ގާތުގައި ކުލައިން ހޯލީ ކުޅޭހިތް ނުވާ ވާހަކަ ދައްކަނިކޮށް އަބީޝޭކް އޭނާ ޕޫލަށް އެއްލާލީކަމަށް ކަރަން ބުނެފައި ވެއެވެ. އަދި އޭގެފަހުން ކަރަން ހޯލީ ކުޅެން ބިރުގަންނަ ކަމަށާއި އެކުޅިވަރުން އެއްކޮށް ދުރުވީ ކަމަށެވެ.

އޭގެ އިތުރުން ކަރަން ބުނިގޮތުގައި އަމީތާބް ބައްޗަންގެ ގޭގައި ބޭއްވިގެންދާ ހޯލީގެ ހަފްލާއަކީ ބޮލީވުޑްގައި އެންމެ ބޮޑުކޮށް އެހަފްލާ ކުރިއަށްގެންދާ ގެ ކަމަށެވެ. އަދި ކުރީގައި އެންމެ މަޝްހޫރު ހޯލީ ހަފްލާއެއް ބޭއްވިގެންދާނީ އާރްކޭ ސްޓޫޑިއޯ އިންނާއި އަމީތާބްގެ ގޭގައި ކަމަށާއި އެއީ އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބަލާފައި ކަމަށް ކަރަން ބުނެފައިވެއެވެ.