(ތިރީސްވަނަ ބައި)

ސިޑިން ދުވެފައި އެރުމުގެ ސަބަބުން އަލީފް ހުރީ ދާހިއްލައި ފޯވެފައެވެ. އަލީފް އެކި ދިމަދިމާއަށް ބަލައިލިއެވެ. ކުރިމަތީގައި ހުރި ދޮރުގެ ތަޅުގައި ހިފައިލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. އަވަސްއަވަހަށް އަލީފް އެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލަމުންނެވެ. ނިކަން ސިއްރު ސިއްރުންނެވެ.

އަލީފަށް ވަދެވުނީ ސިޓިން ރޫމަކަށެވެ. ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ރީތި ސިޓިން ރޫމެކެވެ. ބަލައިބެލުމަށް އެއީ ވަރަށް މުއްސަނދި އާއިލާއެއް އުޅުމަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. އެއީ އަލީފްމެންގެ ގޭގައިވެސް އެފަދަ ތަނެއް ނުވާތީއެވެ. އަދި ފުރަ މާލެއިންވެސް އަލީފަށް އެފަދަ ސިޓިން ރޫމެއް ފެނިފައި ނުވާތީވެއެވެ.

ސިޓިން ރޫމެއްގައި ހުންނަންޖެހޭ ހުރިހާ އެއްޗިއްސެއް އެތަނުގައި ހުއްޓެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާކަން އެނގެނީ އެތަކެއްޗަށް ލައްވާފައި ހުރި އުރައިގެ ސަބަބުންނެވެ. އަލީފް އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އެޔާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޗޮކްލެޓް ކުލައިގެ ދޮރެކެވެ.

އަލީފް މަޑު ހިނގުމެއްގައި ގޮސް ދޮރުގެ ތަޅުގައި ހިފައިލިއެވެ. ނިކަން މަޑުމަޑުންނެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލައިފައެވެ. އަލީފް ދޮރުގައި ކަންފަތް ޖަހައިލިއެވެ. އަޑެއް އިވިދާނެކަމަށެވެ. އެހެނަސް ކަންތައްވީ ހީކުރި ގޮތާއި ޚިލާފަށެވެ. އަލީފަށް ކޮޓަރި ތެރެއިން އެއްވެސް އަޑެއް ނީވުނެވެ. ދޮރު ވަރުގަދަވެފައި ބޯވުމުން ކަމަށް ވެދާނެއެވެ.

ކޮޓަރި ތެރޭގައި ހުރި މީހަކު ދޮރުގެ ތަޅުގައި ހިފައި ހުޅުވައިލަން މަސައްކަތް ކުރިއެވެ. އަލީފްގެ މެޔަށް ފެން އަރައިގެން ދިޔައެވެ. އަވަސް އަވަހަށް އަލީފް ދުވެފައި ގޮސް ސިޓިން ރޫމްގެ ހުރި ސޯފާގެ ފަހަތަށް ވަދެ ބޮދިއެވެ. ސިއްރު ސިއްރުން އަލީފް ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން އިނެވެ.

ދޮރު ހުޅުވުނީ އިރުކޮޅަކުންނެވެ. ކޮޓަރިން ނުކުތީ ލުކްޝާނެވެ. އޭނާގެ އަތް ހަލާކުވެފައި ހުރުމުން ކޮޓަރީގެ ދޮރު ހުޅުވަން އުނދަގޫވީއެވެ. ލުކްޝާން ކޮޓަރިން ނުކުމެ ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. ފުން ނޭވާއެއްލުމަށްފަހު ލުކްޝާން ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

ލުކްޝާން އެތަނުން ގޮސް އިރުކޮޅެއްވުމުން، އަލީފް ތެދުވެގެން ގޮސް އެ ދޮރުގައި ޓަކިޖަހައިލިއެވެ. މީހެއްގެ ހިލަމެއްވޭތޯ ދެތިން ފަހަރު އަލީފް ދޮރުގައި ޓަކިދިނެވެ. އެހެނަސް ދޮރަށް ޖަވާބެއް ނުލިބުމުން އެނބުރި ދިއުމަށްޓަކައި ހިނގައިގަތެވެ. މާޔޫސްވެ ހުރެއެވެ. ކުރި އުއްމީދުތައް ވިއްސިވިހާލިވުމުންނެވެ. ލުކްޝާނަށް ކުރެވުނު ޝައްކު އެއީ ކުށްހީއެއްކަމަށް ޤަބޫލުކުރަމުންނެވެ.

"ކާކު؟" ނިކަމެތި އަޑަކުން އަހްލާމް ގޮވައިލިއެވެ.

"އަ..." އަލީފްގެ އަނގައަކުން އަޑެއް ނުނިކުތެވެ.

އަލީފްގެ ލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އަނގަމަތީގައި އަތް އެޅުނެވެ. ކިތަންމެ ނިކަމެތި އަޑަކުން އަހްލާމަށް ވާހަކަދެއްކުނަސް، އެއީ އަހްލާމްގެ އަޑުކަން އަލީފަށް އެނގެއެވެ. ޔަޤީންވެއެވެ. އަލީފް ދެވަނަ ފަހަރަށް އެއްޗެކޭ ބުނަން ވިސްނިއެވެ. އެހެނަސް އޭނާ އެނބުރި އެޕާރޓްމަންޓުން ނުކުންނަން ހިނގައިގަތެވެ.

ތިރިއަށް ފޭބުމަށްޓަކައި އަލީފް ޚިޔާރުކުރީ ސިޑިއެވެ. ލިފްޓުން ލުކްޝާނާ ދިމާވެދާނެތީއެވެ. އެ ގެއިން ނުކުތުމަށް އަލީފް ނިންމީ ހިތާއި ދެކޮޅަށެވެ. އަހްލާމްގެ ހާލު އެނގި އެކަމުން އަލީފްގެ ހިތަށް ލިބެމުން ދިޔަ ވޭނަށް ފުރަގަސް ދެމުންނެވެ. އެއީ އެކަން ކުރުން އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަށް ފެނުމުންނެވެ. އަދި އިތުރު އެއްދުވަސް ވަންދެއް އޭނާއަށް ކެތްކުރެވޭނެކަން އެނގޭތީއެވެ. އަލީފް ސިޑިން ފައިބަމުން ޒާހީއަށް މެސެޖެއް ފޮނުވާލިއެވެ.

"އާ ޔޫ ސުއަރ!" އަލީފްގެ މެސެޖަށް ޒާހީ ވަގުތުން ޖަވާބުދިނެވެ. "އޯކޭ! ވޯރކިން އޮން އިޓް! ވަގުތެއްވީމަ ޖައްސާލަ މި އޮފީހަށް."

"ނަތާޝާ! އެއްވެސް އެއްޗެއްގައި ސައިން ކުރަން އެބަހުރި؟" އަލީފް އޮފީހަށް ވަދެގެން ދިޔައީ ބާރުބާރަށެވެ. "ޑޮކިއުމަންޓުތައް ކެބިންނަށް ގެނެސްދީ!"

"މީގެ އިތުރުން އެހެން އެއްޗެއް ނެތް!" ނަތާޝާގެ އަލީފާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑު ޕާރސަނަލް ވާހަކައެއް..."

"އާދެ! ވިދާޅުވޭ!" އަލީފް ކުރަން އިން މަސައްކަތް އެއްކައިރިކޮށްލިއެވެ. "އިށީންނަވާ! ކިހިނެއްތޯވީ؟"

"އަޅުގަނޑު ވަރަށް ޕާރސަނަލް ވާހަކައެއް ދެން..." ނަތާޝާ ލަދުރަކިކަމާއެކު އަލީފާ ކުރިމަތިވާގޮތަށް ގޮނޑީގައި އިށީނެވެ. "ފަހުން ދަންނަވާނަން!"

"ކިހިނެއްތޯވީ؟ ވިދާޅުވެބައްލަވާ!" އަލީފް ހުރީ އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ މައުލޫމާތަށް އިތުރު ބޮޅެއް އިތުރުވާނެ މަގަކަށް ބަލަބަލައެވެ. "ފަހުން ފަސްވެސް ނައިސްދާނެ. ކޮންމެ ވާހަކައަކަށް ވިއަސް އެންމެ ރަނގަޅު! އަޅުގަނޑު އަޑު އަހާނީ، އަޑު އަހާ ހިތުން."

"މިއީ އޮފީހުގައި ދައްކަން އެންމެ ރަނގަޅު ވާހަކައަކަށް ނުވެދާނެ!" ނަތާޝާ ބުނަން އުޅުނު އެއްޗެއް ބުނަން ލަދުގަންނަނީއެވެ.

"ހިއްހިއް!" އަލީފް ގާތަށް ހިނިއައިކަމަށް ދެއްކިއެވެ. "ރަނގަޅުވާނެ ވިދާޅުވޭ!"

"އަޅުގަނޑު އަލީފްދެކެ އިންތިހާއަށް ލޯބިވޭ!" ނަތާޝާ ގަދަކަމުން ހިންދިރުވައިލިއެވެ. "ވަރަށް ދުވަސްވެއްޖެ މި ވާހަކަ ނަންގަންނަން އުޅޭތާ!"

"ކީއްކޭތޯ؟" އަލީފްގެ ލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. "އަޅުގަނޑަށް އެއްގޮތަކަށްވެސް ނޭނގޭ!"

"އެކި ގޮތްގޮތުން އަޅުގަނޑު އެކަމަށް އިޝާރާތްކުރިން! އެކަމަކު... އެކަމަކު އަޅުގަނޑަށް ޑައިރެކްޓްކޮށް އެ ވާހަކަތައް ބުނާކަށް ނުކެރުނު!" ނަތާޝާ ވާހަކަދައްކަމުން ދިޔައީ ނިކަން ލަދުރަކިވެ ހުރެއެވެ. "އަޅުގަނޑަކަށް ނޭނގޭ... މިވަގުތު އަޅުގަނޑަށް މިވާހަކަތައް މިދެއްކެނީ ކީއްވެގެން ކަމެއްވެސް."

"އަލީފް، އެއްޗެކޭ ނުބުނެ ތި އިންނެވީ..؟" ނަތާޝާގެ ވާހަކަތަކަށް އަލީފް އެއްވެސް އެއްޗެއް ނުބުނުމުން ނަތާޝާ ވަރަށް ބޮޑަށް ލަދުގަތެވެ. "މަޢަފްކުރައްވާތި! އަދި އެއްޗެކޭ ހީފުޅުނުކުރެއްވުން އެދެން!"

"އިޓްސް އޯކޭ!" އަލީފަށް އެ ވާހަކަތަކަށް ދޭނެ ޖަވާބެއް، ނޫނީ ރައްދެއްވެސް ނޭނގުނެވެ.

ވާނީވެސް އެހެންތާއެވެ. އަލީފްގެ ހިތް އަހްލާމަށްޓަކައި ކަރުތާފެނަށް އެރިގެން ދަނީއެވެ. އަލީފަށް ވިސްނޭނީ ހަމައެކަނި އަހްލާމާ މެދުގައެވެ. އެއީ ފުރަތަމަ ފެނުނީންސުރެއް އަލީފަށް އަހްލާމް ދެކެ އިންތިހާއަށް ލޯބިވެވުމުންނެވެ. އަހްލާމަށްޓަކައި އަލީފްގެ ހިތް މުޅިން ހިބަކުރެވުމުންނެވެ.

އެހެނަސް ނަތާޝާ އެއީ އަލީފްގެ ދަށުން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އަލީފް ނަތާޝާ ދެކެނީ ގާތް އެކުވެރި، ވަފާތެރި މުވައްޒަފެއްގެ ގޮތުގައެވެ. ކަމަށް ކަމޭހިތާ ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ދެން އަލީފްގެ ހިތުގައި އަހްލާމް ނޫން އެހެން އިންސާނަކަށް ދެވޭނެ ޖާގައެއް ނެތެވެ.

އާއެކެވެ. ދުނިޔޭގެ ދިރިއުޅުން މިއީ ވަރަށް ފާޑެއްގެ ކަމެކެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށެވެ. ނަތާޝާގެ ހިތް ވަނީ އަލީފަށްޓަކައި ޤުރުބާން ކުރެވިފައެވެ. އިންޓަވިއުއަށް ހާޒިރުވި ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭނާ ހުންނަނީ އަލީފަށްޓަކައި ވާންޖެހޭ ކޮންމެފަދަ ތައްޔާރީއެއްވެސް ވުމަށް ފޫގަޅައިގެންނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާހަކަކިޔާ ކުއްޖާ

    ހާދަ ކުރޭ ވާހަކަ.. އެހާ ދުވަސްކޮށްފަވެސް އެހާ ކުރު.

  2. ޢަޅޭ ކޮބާތަ ވާހަކަ... ހާދަ ދުވަހެއް ވެެއްޖެޔޭ.