އިންޓަނެޓާއި މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި އެކި ދުވަސްވަރުގައި ޢާންމުވާނީ އެކިކަންކަމެވެ. އެގޮތުން ތަފާތު ނަންނަމުގައި އާންމުވާ "ޗެލެންޖު"ތައް މީހުންގެ މެދުގައި މަޤުބޫލުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އެކަމުގައި ބައިވެރިވާކަމީ މިއަދު ފެންނަމުންދާ މަންޒަރެކެވެ.

އާންމު ގޮތެއްގައި މިފަދަ ޗެލެންޖުތަކަކީ ފުރާނައަށް ނުރައްކާވާފަދަ ނުރައްކާތެރި ޗެލެންޖުތަކަށް ވީނަމަވެސް މިފަހަރު ޢާންމުވެފައި މިވަނީ ފޮޓޯނެގުމުގެ ޗެލެންޖެކެވެ. "ފޯލިންގ ސްޓާސް ޗެލެންޖު"ގެ ނަމުގައި މިހާރު މަޤުބޫލުވަމުން އަންނަ މި ޗެލެންޖުގައި ދައްކުވައިދޭން ޖެހެނީ ސިޑިއެއްގެ މަތިން ވެއްޓިފައި އޮންނަ މަންޒަރެވެ.

"ފޯލިންގ ސްޓާސް ޗެލެންޖު"ގައި ދައްކުވައިދޭން ޖެހެނީ "ފޭކް" މަންޒަރެކެވެ. އަދި އެ މަންޒަރު އާންމު ކުރުމުން ރަހުމަތްތެރިންވެސް އެމީހަކާއި ޗެލެންޖުކޮށް އެއަށްވުރެ މޮޅަށް އެމަންޒަރު ދައްކައިދިނުމަކީ މި ޗެލެންޖުގައި ކުރަންޖެހޭ ކަންތަކެވެ.

މި ޗެލެންޖުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި ފޮޓޯތައް ޢާންމުކުރަމުންދާއިރު، އެހެން ޗެލެންޖުތަކާއި ޚިލާފަށް މި ޗެލެންޖުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ހާދިސާއެއް މިހާތަނަށް ފެނިމަތިވެފައެއް ނުވެއެވެ. އެންމެ ބޮޑަށް "ފޯލިންގ ސްޓާސް ޗެލެންޖު" ޢާންމުވެފައިވާ ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތައް ހިމެނޭއިރު، މަޝްހޫރު ބައެއް ފަރާތްތަކުންވެސް ދަނީ ޗެލެންޖުގައި ބައިވެރިވަމުންނެވެ. އޭގެތެރެއިންވެސް ކުރީގެ މިސް ޔޫކްރޭން އާއި އެމެރިކާގެ ސުޕަރ މޮޑެލް، އަރިޒޯނާ މޫސްއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައެވެ.

މީސްމީޑިއާގައި އެންމެ ފަހުން ޢާންމުވި އެއް ޗެލެންޖަކީ "ކިކީ ޗެލެންޖް" އެވެ، މި ޗެލެންޖު ފުރިހަމަ ކުރުމަށް ކުރަން ޖެހެނީ ޤަވާއިދާ ޚިލާފު، ނުރައްކާތެރި ކަމަކަށްވާއިރު ޗެލެންޖުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ނުރައްކާތެރި ހާދިސާތަކާއި ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. ކިކީ ޗެލެންޖުގެ އިތުރުންވެސް ފާއިތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި ޗެލެންޖުތައް، އިންޓަނެޓު ހިސޯރުކުރިއެވެ.