ފްލައިޓްގެ ޗެކިން ބަންދު ކުރާ ގަޑިއަށް އެއާޕޯޓަށް ނުދެވިއްޖެނަމަ ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ގިނަ ފަހަރަށް ޖެހޭނީ ޓިކެޓްގެ ގަޑި ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ދަތުރު ކުރާށެވެ.

ނަމަވެސް އިނގިރޭސިވިލާތުގައި ދިރިއުޅޭ ފްރާންސް ރައްޔިތެއް ކަމަށްވާ ޖޭކޮބް މެއިރް އަށް ގަޑިއަށް އެއާޕޯޓަށް ނުދެވުމުން ދެން ހެދީ "މޮޅު ސިހުރެކެވެ."

ފްލައިޓް ފުރުމުގެ އަށް މިނެޓް ކުރިން ޖޭކޮބް ވަނީ ކާކުކަން ނޭނގޭ ގޮތައް އިންޒާރެއް ދީފައެވެ. އޭނާ ދިން އިންޒާރުގައި އޮތީ ނޭވޭ އެއާލައިންގެ ފްލައިޓެއްގައި ބޮމެއް އޮންނާނެ ކަމަށެވެ. އެއީ އޭނާ ފުރަން ހަމަޖެހިފައި އޮތް ފްލައިޓެވެ.

އެފަދަ އިންޒާރެއް ލިބުމުން ކަންތައް ކުރަން ޖެހޭ އުސޫލަށް އެއާޕޯޓްގެ ސެކިއުރިޓީން އަމަލު ކުރިއެވެ. ހުރިހާ ފަސެންޖަރުންނާއި ފޮށިތައް ފްލައިޓުން ބާލާ އަލުން ހުރިހާ ފޮއްޓަކާއި މީހުންނެއް ޗެކް ކުރިއެވެ. ނަމަވެސް ބޮމެއް އަދި ގޮވާޒާތުގެ އެއްޗެއް ނުފެނުނެވެ.

މައްސަލަ ފަހުން ތަޙްޤީޤު ކުރުމުން ފުލުހުންނަށް އެނގުނީ އެއީ ޖޭކޮބް ދިން އިންޒާރެއް ކަމެވެ. ޖޭކޮބް ދިން އިންޒާރެއް ކަން އެނގުނީ ފުލުހުންނަށް ލިބުނު ފޯން ކޯލް ކޮށްފައިވާ ފޯން ހޯދައިގެން ބެލި ބެލުމުންނެވެ.

ޖޭކޮބް ފުލުހުންގެ ތަޙްޤީޤުގައި ބުނީ އޭނާ މަސައްކަތް ކުރީ އެއާޕޯޓުން ދަތުރު ކުރެވޭނެ "މުޖައްރިބު ފަންޑިތައެއް ހަދަން" ކަމަށެވެ. "އަހަރެން ހަދަން އުޅުނު މުޖައްރިބު ފަންޑިތައެއް. ނަމަވެސް ނަސީބު އެހީނުވީ." އޭނާ ބުންޏެވެ.

ހަޤީޤަތެއް ނެތް ދޮގު މައުލޫމާތު ޤާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިން ކަމުގެ ކުށުގައި ޖޭކޮބް 10 މަސް ދުވަހަށް ޖަލަށް ލާން ކޯޓުން މިހާރު ވަނީ ޙުކުމް ކޮށްފައެވެ.

މީގެ ކުރިން ވެސް މިފަދަ ދޮގު އިންޒާރުތައް ދިން މީހުންނަށް އަދަބު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ތިޔަސިހުރުހެދީ އަނެއްކާ އެމްޑީޕީ ވެރިކަމަށްގެންނަންނޫންބާ ؟