"ހެލިކޮޕްޓާ އޭލާ" ނަމަކަށް ކިޔާ ބޮލީވުޑްގެ އިތުރު ފިލްމެއްގެ ޓްރެއިލާ މި މަހުގެ ފަސްވަނަ ދުވަހު އާންމުކޮށްފައިވާއިރު، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އެކްޓްރެސް ކާޖޮލް، ފިލްމުގެ ޕްރޮމޯޝަންގެ ކަންތައްތަކުގައި މިވަގުތު އުޅެމުންދަނީ ވަރަށް އަވަދިނެތިއެވެ.

ފިލްމުގައި މަންމަގެ ރޯލުން ފެނިގެންދަނީ ދުވަސްގަނޑެއް ވަންދެން ބޮލީވުޑުން ނުފެނި ހުރެފައި، އަނެއްކާވެސް ފިޔަޖަހަން ފެށި އެކްޓްރެސް ކާޖޮލް ދޭވްގަންއެވެ.

"ހެލިކޮޕްޓާރ އޭލާ" ނަކަށް ކިޔާ މި ފިލްމަކީ އެކަނިވެރި މަންމައަކު ދަރިއަކު ބަލާ ބޮޑުކުރުމަށް ކުރާ ބުރަ މަސައްކަތާއި އޭނާ ކުރާ ދިގު ދަތުރު ވަރަށް ރަނގަޅަށް ދައްކައިދޭ ފިލްމެކެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކާޖޮލް ބުނީ، އަބަދު އެއް ވައްތަރެއްގެ ފިލްމެއް ނުކުޅޭނެ ކަމަށާއި، ތަފާތު ރޯލު ތަކުން ބޭނުންވާ ކަމުގައެވެ.

"ބައިވަރު ބޮލީވުޑް ފިލްމުތައް ކުރިއަށްވެސް ހުންނާނެ ހަމަ އަންހެން ލީޑް ރޯލުތައް ހިމެނޭ. އޭގެތެރެއިންވެސް އަހަރެން ޚިޔާރު ކުރާނީ ތަފާތު ރޯލުތައް. އަބަދު އެއް ރޯލެއް ކުޅެން ވެއްޖެއްޔާ އަހަރެންވެސް ފޫހިވެފަ ރަނގަޅަށް އެކްޓްނުކުރެވިފައި އޮންނާނީ. އެހެންވެ، އަހަރެން ބޭނުން ހުރިހާ ވައްތަރެއްގެ ފިލްމެއްވެސް ކުޅެން" ކާޖޮލް ބުނެފައިވެއެވެ.

ފިލްމާއި ބެހޭގޮތުން ކާޖޮލް ބުނީ އެވެންޖާސް ހާ ކާމިޔާބު ނުވިނަމަވެސް، ގިނަ ބަޔަކު ބަލާނޭ ފިލްމަކަށް މި ފިލްމު ވާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

 

"މިއީ އެވެންޖާސް ފިލްމެއް ނޫންކަން އެނގޭ. އެކަމަކު އެވެންޖާސް ބަލާގޮތަށް ފޯރި ލައިފައި މި ފިލްމު ބަލާނެކަމަށް ވެސް އުންމީދު ކުރަން. އަދި ބެލުންތެރިންނަށް ކަމުދާނެ ކަމަށްވެސް އުންމީދު ކުރަން." ކާޖޮލް ބުންޏެވެ.

ދާދިފަހުން ޚަބަރުތައް ބުނެފައިވަނީ "ހެލިކޮޕްޓާ އޭލާ" ގައި އެކްޓަރު އަމީތާބު ބައްޗަންވެސް ޚާއްސް ފެނިލުމަކުން ފެންނާނެ ކަމަށެވެ.

އޭގެއިތުރުންވެސް، މުހިންމު ރޯލުތަކުން އެކްޓްރެސް ނެހާ ދުޕިއަނާއި ރިއްދި ސެންވެސް ފެނިގެންދާ "ހެލިކޮޕްޓާ އޭލާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.