ދުނިޔޭގެ އެތަން މިތަނުގައި އެކަނި މީހުން ދިރިއުޅެމުންދެއެވެ. އާއިލާގެ އެއްެވެސް މެންބަރަކާ ނުލައި، އެއްވެސް އަހުލެއް ވަހުލެއް ނެތި އެތައް ބަޔަކު އުޅެމުންދެއެވެ. އަނތްބެއް، ފިރިއެއް ދަރިއެއް ނެތިވެސް އެތައް ބަޔަކު އުޅެމުންދެއެވެ. އެފަދަ މީހުންނަކީ، އެކަނިވެރި މީހުންކަމުގައި ބުނެ އުޅޭމެއެވެ.

އެހެންނަމަވެސް، އެފަރާތްތަކަށް ވުރެ ބޮޑަށް، މިއީ އަދި މާ އެކަނިވެރި މީހެކެވެ. އެހެން މީހުން އެކަނި އުޅެނީ، މީހުން ގިނަ މުޖުތަމަޢެއްގެ ތެރޭގައިކަމުގައިވިޔަސް، މި މީހާ އެކަނި އުޅެމުންދަނީ ބޮޑު ޖަންގައްޔެއްގައެވެ.

ބްރެޒިލްގައި އޮންނަ ބޮޑު އެމެޒޯން ޖަންގައްޔެއްގައި އުޅެމުންދާ މި މީހާއަކީ، އެސަރަޙައްދުގެ ޖަންގަލީގައި، މީގެ އެތައް އަހަރެއް ކުރިންސުރެ އުޅެމުން ދިޔަ ޤަބީލާއެއް ނުވަތަ ދަރިކޮޅެއްގެ މީހެއްކަމަށް، މިފަދަ ކަންކަން ދަންނަ މީހުންނާ ހަވާލާދީ ބައެއް މީޑިޔާތަކުން ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، އެޤަބީލާގެ މީހުންތަކުގެ ތެރެއިން، މިހާރު ދުނިޔޭގައި ހުރި މީހަކީ ހަމައެކަނި މިއީއެވެ. މި ޤަބީލާގެ އެހެން މީހުންވަނީ މަރުވެފައިކަމަށް ނުވަތަ މަރާލެވިފައިކަމަށް، މި ކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިފަދަ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން އިތުރަށް ބުނެފައިވަނީ، މި މީހާ، އެކަނި މާ އެކަނި، އެ ޖަންގަލީގައި، 22 އަހަރު އުޅެފައިވެއެވެ. 2005 ވަނަ އަހަރާ ހަމައަށް، އެއްވެސް މީހަކަށް ނޭނގި މި ތަނުގައި އެމީހާ އުޅުނެވެ. އެހެންނަމަވެސް، އޭގެފަހުން، މިކަން، ދިރާސާ ކުރާ ފަރާތްތަކަށް އެނގި، އެތަނަށް ވަދެ ހަދާފައިވެއެވެ.

2005 ވަނަ އަހަރު މިކަން ބައެއް ފަރާތްތަކަށް އެނގިފައިވިޔަސް، މީޑިޔާ އަށް މިކަން ތިލަވެފައިވަނީ ވަރަށް ފަހުންނެވެ.

މި ޖަންގައްޔަށް ގޮސްފައިވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި، މި މީހާ ދިރިއުޅުމަށް ގެ ހަދާފައިވެއެވެ، ޖަންގަލީގައި ހުރި ރުއް ރުކުގެ ފަނުން ގެ ހަދާފައިވާއިރު، ދިރިއުޅުމަށް ބޮޑެތި ވަޅުގަނޑުތައްވެސް ކޮނެފައި ހުރިކަމަށްވެއެވެ.

މިފަދަ މީހުން ހިމާޔަތްކުރުމަކީ، ބްރެޒިލް ސަރުކާރުން އިސްކަމެއް ދީގެން ކުރަމުންދާ ކަމެއްކަމަށްވުމުން، މި މީހާ އުޅެމުންދާ ސަރަޙައްދުވަނީ، އެހެން މީހުންނަށް ބަންދުކޮށްފައެވެ. މިކަން ކޮށްފައިވަނީ، އެސަރަޙައްދަށް ގަސް ކެނޑުމަށް ދާ މީހުންގެ ފަރާތުން، މި މީހާއަށް ގެއްލުމެއް ލިބިދާނެތީއެވެ.

މި މީހާ ނިސްބަތްވާ ޤަބީލާއަކީ، ދުނި ޖެހުމަށް މޮޅު ބައެއްކަމަށް، ބައެއް ނޫސްތަކުން ބުނެފައިވެއެވެ.