ވަގުތުން ދުރަށް ފޮނުވަމުން ދިޔަ ރޭޑިއޯ ޝޯވއެއްގެ މެދުތެރެއިން ޕްރެޒެންޓަރު ވިހައިފިއެވެ.

އެމެރިކާގެ ސެއިންޓް ލުއީސްގައި ހިންގާ ރޭޑިއޯ ސްޓޭޝަނެއްގެ ޕްރެޒެންޓަރެއް ކަމަށްވާ ކެސިޑީ "106.5 ދަ އާކް" ރޭޑިއޯ ސްޓޭޝަންގެ "ސްޕެންސަރސް ނެއިބަރހުޑް" ކިޔާ ހެނދުނުގެ ޝޯއެއްގެ އެއް ޕްރެޒެންޓަރެވެ.

ކެސިޑީ ބަނޑުބޮޑުވީއްސުރެ އޭނާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅާއިބެހޭ ހުރިހާ މަޢުލޫމާތެއް ދިޔައީ ރޭޑިއޯ އަޑުއެހުންތެރިންނާއި ހަމަޔަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް ކުއްލި ގޮތަކަށް ދިމާވި ކަމަކާއި ގުޅިގެން ސިޒޭރިއަން ހަދާ، ދަރިފުޅު ނަގަން ޖެހުމުން، ކެސިޑީއާއި އޭނާގެ ފިރިމީހާ ބޭނުންވީ، ކެސިޑީ ހުށަހަޅައިދޭ ޝޯވްގެ މެދުތެރެއިން ސިޒޭރިއަން ހަދާށެވެ.

އެގޮތުން ހޮސްޕިޓަލުގެ ހުއްދައެއް ނަގާ، ކެސިޑީ ޝޯވްގެ ތެރެއިން ވިހާފައިވާ އިރު އެތައް ސަތޭކަ ބަޔަކު ދިޔައީ މި ޝޯވް އަޑު އަހަމުންނެވެ.

ކެސިޑީ ބުނެފައިވަނީ މިއީ އޭނަގެ ރޭޑިއޯ ޕްރެޒެންޓް ކުރުމުގެ ހަޔާތުގައި ވެސް އަދި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ކެސިޑީ ވިހާފައިވަނީ ޞިއްހަތު ރަނގަޅު ފިރިހެން ކުއްޖެކެވެ. އަދި ކެސިޑީގެ ދަރިފުޅަށް ދީފައިވާ ނަމަކީ ޖޭމްސަންއެވެ.

ދަރިފުޅަށް ނަންދީފައިވަނީ އެވަގުތު ރޭޑިޔޯ އަހަމުންދިޔަ އެހުންތެރިން ހުށަހަޅާފައިވާ އެތައް ސަތޭކަ ނަމުގެ ތެރެއިން ކެސިޑީއާއި އޭނާގެ ފިރިމީހާއަށް އެންމެ ކަމުދިޔަ ނަމެވެ.

މިއީ މި ޝޯވްގައި ޕްރެޒެންޓަރަކު ވިހެއި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީންވެސް ހަމަ މި ޝޯވްގެ އެހެން ޕްރެޒެންޓަރެއްވަނީ، ޝޯވް ކުރިއަށްދިޔަ ވަގުތު ވިހާފައެވެ. ހަމަ މިއާއެކު ދަ އާކް ރޭޑިއޯ ސްޓޭޝަން މިވަނީ، އޮން އެއަރގައި ދެ ޕްރެޒެންޓަރަކު ވިހެއި ފުރަތަމަ ސްޓޭޝަންގެ މަގާމު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު