އެކި ޤައުމުތަކުގެ ޤާނޫނުތަކުގައި، އުމުރަށް ޖަލަށް ލުންކަމަށް ކަނޑައަޅާ، އުމުރު ދުވަސްކަމަށް ބަލާފައިވަނީ އެކި އަހަރަށެވެ. ބައެއް ޤައުމުތަކުގައި އެއީ 25 އަހަރުކަމަށް ކަނޑައަޚާފައިވާއިރު، ބައެއް ޤައުމުތަކުގައި އެއީ 50 އަހަރެވެ. ހަމައެހެންމެ، ބައެއް ޤައުމުތަކުގައި، ވަކި އަދަދެއް ކަނޑައަޅާފައި ނުވެއެވެ. އުމުރަށް ޖަލަށް ލާވަރުގެ އެތައް ކުށެއް ސާބިތުވެއްޖެނަމަ، އަހަރުތަކުގެ އަދަދު، ބައެއް ޤައުމުތަކުގައި އިތުރުވެގެންވެސް ދެއެވެ.

ރޭޕުގެ ކުށުގައި، އެމެރިކާގެ ނިއު ޖާޒީ އިން ހައްޔަރުކޮށްފައިވާ މީހަކު، 148 އަހަރަށް ޖަލުގައި ބަންދުކުރުމަށް، އެސަރަޙައްދުގެ ކޯޓަކުން، މި ހަފްތާގެ ތެރޭގައިވަނީ ހުކުމް ކޮށްފައެވެ. އޭނާ އަށް، 148 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ، އޭނާ ކޮށްފައިވާ ކުށްތަކަށް ބަލާ، ޖޫރީ އަކުން، އެގޮތަށް ހުކުމް ކުރުމުންނެވެ.

ނިއު ޖާޒީ ސަރަޙައްދުގެ އެލިޒަބަތު ސިޓީ އާއި ލިންޑެންގައި، ރަޝީދު ޕަވަލް ނަމަކަށް ކިޔާ މި މީހާވަނީ، ރޭޕުގެ ގިނަ ކުށްތަކެއް ކޮށްފައެވެ. ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ރޭޕުކޮށްފައިވަނީ، އަންހެނުންނަށް ބަޑިން ބިރު ދައްކައިގެންނެވެ.

އެކި އަހަރުތައް މަތިން އޭނާ ބަންދުކޮށް ދޫކޮށްލާފައިވާއިރު، އެންމެ ފަހުން އޭނާ މި ކުށުގައި ހައްޔަރުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ފަހަރު ބަންދުކޮށް، އޭނާގެ ކަފާލާތުގެ ދަށުން، ތިން މިލިއަން ޑޮލަރު ދައްކައިގެން މިނިވަން ކުރެވޭގޮތަށްވަނީ ހަމަޖައްސާފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރަޝީދު ޕަވަލްގެ މައްސަލައަށް ގޮތެއް ނިންމުމަށްޓަކައި ކޯޓުގައި ހަމަޖައްސާފައި އޮންނަ ޖޫރީ އިން، މެދުކެނޑުމެއް ނެތި ތިން ދުވަހު މަސައްކަތްކޮށްފައިވެއެވެ. އަދި، އޭނާއަށް ކޮށްފައިވާ ބޮޑު ޙުކުމް ކިއުމަށްޓަކައި، ދެ ގަޑިއިރު ހޭދަވިކަމަށްވެސް ނޫހުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވަނީ، އެތައް ބަޔަކު، ރަޝީދުގެ މަޅީގައި ޖެހުނުކަމުގައިވިޔަސް، އޭނާ ފަޅާ އަރާފައި ނުވަނީ، އޭނާ އެކަން، މާސްކެއް އަޅައިގެން، މޫނު ފޮރުވައިގެން ކޮށްފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު