ބޮލީވުޑްގެ ބޮޑު ޕްރެޖެކްޓެއް ކަމުގައިވާ "ތަގްސް އޮފް ހިންދުސްތާން" އިން ފެނުމަށް ހަމަޖެހިފައިވާ އެކްޓަރު އާމިރު ޚާން ދެން އެންމެ އަވަހަށް ފެންނާނީ ހޮލީވުޑްގެ ޕްރޮޖެކްޓަކުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕާމައުންޓް ޕްރޮޑަކްޝަންއިން އުފައްދާ މި ހޮލީވުޑް ފިލްމާއި ބެހޭ މާ ބޮޑު މައުލޫމާތެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާމިރް ހޮލީވުޑް ފިލްމެއް ފަށަން ނިންމީ އޭނާގެ ކުޅުމަށް ނިންމާފައިވާ ބަޔޯޕިކްގެ މަސައްކަތްތަށް ހުއްޓުމަކަށް އައިސްފައިވާތީއެވެ.

"ބަޔޯޕިކްގެ މަސައްކަތް މިހާރުވަނީ ހުއްޓުމަކަށް އައިސްފައި. އާމިރުގެވެސް އެދުމުގެ މަތިން އޭގެ ސްކްރިޕްޓަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް ސްޓޯރީލައިންގެ ބައެއް ބައިތައް ބަދަލުކުރުން ފަދަ ކަންކަން މިވަގުތު ކުރިއަށް ދަނީ." އެ ފިލްމުގެ ޑައިރެކްޓަރު ބުނެފައިވެއެވެ.

އެއްވެސް އިރެއްގައި އާމިރަކީ އޭނާގެ ކުރިއަށް ހުރި ފިލްމުތަކާ ބެހޭގޮތުން އޮށްޓަރު ހުރި މައުލޫމާތު ނުލިބެނީސް، އެ ވާހަކަތައް އާންމުކުރާ އެކްޓަރެއް ނޫންކަމަށް ރިޕޯޓްތަކުގައިވެއެވެ.

އާމިރްގެ ފިލްމުތައް އަންނަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އާމިރްގެ ދާދިފަހުން ނިކުތް ފިލްމު "ސީކްރެޓް ސުޕަސްޓާ" އަށް ވެސް ވަނީ ޗައިނާގެ ބޮކްސް އޮފީހުގައި 700 ކަރޯޑު ރުޕީސް ލިބިފައެވެ.

އުމުރުން 53 އަހަރުގެ އާމިރް ވަނީ "ޕީކޭ"، ޑަންގަލް"، ރާޖާ ހިންދުސްތާނީ" ފަދަ ފިލްމުތަކުން ފެނިގެންގޮސްފައެވެ. އޭގެއިތުރުންވެސް، "ކަމްލީ" އާއި "އައެ މެރެ ހަމްސަފަރް" ފަދަ އާންމުންގެ ބޮޑު މަގުބޫލް ކަމެއް ހޯދި އެތަކެއް ލަވަތަކަކުންވެސް އާމިރްވަނީ ފެނިގެން ގޮސްފައެވެ.