މީގެ އެތައް ޒަމާނެއް ކުރިން، ދުނިޔޭގެ އެންމެ ބިޔަ ޖަންގަލި ކަމަށްވާ އެމޭޒަން ޖަންގަލި ތެރޭގައި ބޭރު ދުނިޔެއާއި ވަކިވެގެން އުޅުނު އިންސާނުންގެ ހަޟާރަތްތަކެއް އުޅެމުންދިޔަ ކަމަށް ވެއެވެ. ނަމަވެސް ޒަމާން ބަދަލުވެގެން އައިއިރު، އެމޭޒަން ޖަންގަލިތެރެއަށްދާ ދަނޑުވެރިންނާއި އެނޫންވެސް ބައެއް ފަރާތްތަކުގެ ޝިކާރައަކަށް އެފަދަ މީހުންވެގެން ގޮސް އެމީހުންގެ ހަޟާރަތް ނެތިދިޔައީ ކަމަށް ބެލެވުނެވެ.

ނަމަވެސް ދާދިފަހުން، އެމޭޒަން ޖަންގަލި ހިއްސާކުރާ ބްރެޒިލްގެ ރޮންޑޯނިއާއިން މިވަނީ އެފަދަ މީހަކު ފެނިފައެވެ. އޭނާއަކީ މީގެ 22 އަހަރު ކުރިން ދަނޑުވެރިންގެ ޝިކާރައަކަށްވެދިޔަ މީހުންގެ ތެރެއިން ސަލާމަތްވި ހަމައެކަނި މީހާ ކަމަށް ވެއެވެ. އެއަށްފަހު އޭނާ ދިރިއުޅެމުން ދަނީ އެކަނިމާއެކަނި އެ ބިޔަ ޖަންގަލި ތެރޭގައެވެ.

އުމުރުން 50 އަހަރު ވެފައިވާކަމަށް ބެލެވޭ އެ ފިރިހެން މީހާގެ މޫނު، ޑޮކިއުމެންޓްރީއެއް ހަދަން ގޮސް އުޅުނު ރިޕޯޓަރަކު ނެގި ފޮޓޯއަކުން ފެންނައިރު، އެ ފޮޓޯ ނެގި ވަގުތު އޭނާ ހުރީ ކެމެރާ އާއި ދިމާއަށް ބަލާށެވެ. ނަމަވެސް ބަޔަކު އުޅޭކަން އެނގުމާއި އެކު އޭނާ ޖަންގަލިތެރެއަށް ވަދެ ފިލީ ކަމަށް ވެއެވެ.

މި މީހާ ކުރިންވެސް ޖަންގަލި ތެރޭގައި އުޅެމުން ދަނިކޮށް ބައެއް ފަރާތްތަކުން އޭނާގެ ހަރަކާތްތައް ބަލައި ވީޑިއޯކޮށް ހަދާފައި ވާއިރު، މީގެ ކުރިން އެގޮތަށް ޖަންގަލި ތެރެއަށް ގޮސް އުޅުނު ޝިކާރަވެރިއަކަށް އޭނާ ވަނީ ހަމަލާވެސް ދީފައެވެ. އެއަށްފަހު އެފަދަ މީހުނަށް ފާރަލުމާއި އަނިޔާކޮށް ޙަމަލާދިނުން ކަމާއި ބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފައެވެ.

އެމޭޒަން ޖަންގަލިތެރެ ހޯދައި ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި މީހާ އުޅެމުންދަނީ ދޫންޏާއި އެކި ކަހަލަ ޖަވަނާރުތައް ޝިކާރަކޮށްގެންނެވެ. އަދި އޭނާ އުޅެނީ ބިމުއަޑިގައި ކޮނެފައި ހުންނަ ތަންތަނުގައި ކަމަށް އެފަރާތްތަކުން ބުނާއިރު، މީގެ ކުރިން އެފަދަ ބައެއް ތަންތަން ހޯދާފައިވެސް ވެއެވެ.

މިފަދަ މީހުންނަކީ ހިމާޔަތް ލިބެންޖެހޭ ބައެއް ކަމުގައި އާއި އެއީވެސް ތަފާތު ދިރިއުޅުމެއްގައި އުޅުނެއްކަމަކު އިންސާނުން ކަމުން، އެމީހުންގެ ސަޤާފަތާއި އެއްގޮތަށް ދިރިއުޅުމުގެ ހައްޤުދީ އެކަމަށް ފުރުސަތު ދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު