އޮފީހެއްގެ އެންމެ މުވައްޒަފަކުވެސް، ވިހެއުމާ ގުޅިގެން ޗުއްޓީއަށް ގޮސްފިނަމަ ނުވަތަ "މެޓާނިޓީ ލީވް" އަށް ގޮސްފިނަމަ، އެތަނަކަށް ހުސް ކަމެއް އަންނާނެއެވެ. މަސައްކަތްތަކަށް ބަދަލުތަކެއް އަންނާނެއެވެ. އެހެން މުވައްޒަފަކު، އަހަރީ ޗުއްޓީއަށް ގޮސްފިނަމަ އަންނަ ފަދަ ބަދަލުތައް، މިކަމުގެ ސަބަބުންވެސް އަންނާނެއެވެ.

މިއީ އެންމެ މުވައްޒަފަކަށް، މި ޙާލަތު ދިމާވުމުން ވެދާނެ ކަމެކެވެ. އެހެންކަމުން، އޮފީހެއް ނުވަތަ ތަނެއްގެ ހުރިހާ މުވައްޒަފުން، އެއް ދުވަސްވަރެއްގައި މާބަނޑުވެއްޖެނަމަ، އެތަނެއް އޮންނާނެ ގޮތް ޚިޔާލަށް ގެނެވޭ ހެއްޔެވެ؟، ކޮންމެގޮތެއްވިޔަސް، މިކަންވަނީ ހަޤީޤަތަކަށްވެފައެވެ.

އެމެރިކާގެ އެރިޒޯނާގެ ރަށް ބޭރު ސަރަޙައްދެއްގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ 16 ނަރުހަކު ވަނީ، އެއްދުވަސްވަރެއްގައި މާބަނޑުވެފައެވެ. މިކަން، މީސް މީޑިޔާ އާއި އެހެން ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، މިއީ އެއް ޑިޕާޓްމަންޓް އެއްގައި މަސައްކަތްކުރާ ނަރުހުންނެވެ. އެއީ، ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) އެވެ.

މި ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ ނަރުހުން، އެއް ދުވަސްވަރެއްގައި މާބަނޑުވީކަމުގައިވިޔަސް، އެކި ނަރުހުންގެ ބަނޑަށް ވެފައިވަނީ އެކި މަސްކަމަށް، މި ވާހަކަ ގެނެސްދީފައިވާ މީޑިޔާތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، ގިނަ ނަރުހުންތަކެއް، އެއް ދުވަސްވަރެއްގައި، މެޓާނިޓީ ލީވް އަށް ދާނެއެވެ.

ހޮސްޕިޓަލުގެ ފަރާތުން، މީޑިޔާއަކާ ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވަނީ، މި ނަރުހުންނަށް ކަންތައްތައް ފަސޭހަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމުގައެވެ. އެގޮތުން، މި މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ދުވަސްތަކުގައި، ޝިފްޓުގެ ކަންކަން، މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، މި ކަންކަމުގައި، އެހެން ނަރުހުން ފަރާތުންވެސް، ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް، އެއޮފިޝަލު ބުނެފައިވެއެވެ.

މާބަނޑު ހުރިހާ ނަރުހުންނަށް، ބޮޑު ބްރައިޑަލް ޝަވަރ ހަފްލާއެއްވެސް، ހޮސްޕިޓަލުގެ ފަރާތުންވަނީ ބާއްވައިދީފައެވެ. އަދި، ހަދިޔާފަދަ ތަކެތިވެސް، މި ނަރުހުންނަށް، ހޮސްޕިޓަލުގެ ފަރާތުން ދީފައިވެއެވެ.

މި ނަރުހުން ބުނެފައިވާ ގޮތުގައި، އެމީހުންނަށް، އެކަކު އަނެކަކު ބަލިވެ އިންކަން އެނގުނީ، މާބަނޑު އަންހެނުންގެ ފޭސްބުކު ގުރޫޕަކުން، އެކަކު އަނެކަކާ ދިމާވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ހުރިހާ ނަރުހުން ބަލިވެ ތިބި ކުދިންގެ ބަފައިންނަކީ އައިސީޔޫ ގަ އެޑްމީޓްކުރާ ބަލިމީހުންތަ؟

  2. ޖޮއްބެ

    ތިޔަވާނީ ޑަކްޓަރުގެ ކަމަކަށް. ހަހަހަހަ.