ފުލުހުންނަކީ ކޮންމެ ކަމެއްގައިމެ ޢާންމުންނަށް މިސާލު ދައްކައިދޭން ޖެހޭ ބައެކެވެ. އެގޮތުން ކޮންމެފަދަ ހާލަތެއްގައިވެސް ހިއްވަރާއި އެކު މަސައްކަތްކޮށް ބޮލުގައި އެޅިފައި އޮންނަ ޒިންމާގެ މަތިން ހަނދާން ބަހައްޓައިގެން މަސައްކަތްކުރުމަކީ ކޮންމެ ފުލުހެއްގެ އެންމެ އިސް އެއް ވާޖިބެވެ. އެގޮތުން އާޖެންޓީނާގައި އެފަދަ އަންހެން ފުލުހަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ.

އާޖެންޓީނާގެ ސިޓީއެއްކަމަށްވާ ބެރިސޯގެ ކުޑަކުދިންގެ ހޮސްޕިޓަލެއްކަމަށްވާ މަރީއާ ލުޑޮވީސާ ޗިލްޓްރެންސް ހޮސްޕިޓަލުގައި، ކެލެސްޓީ އަޔާލާ ނަމަކަށްކިޔާ ޒުވާން ފުލުސް ކުޑަކުއްޖަކަށް ގާތުން ކިރުދޭން ހުރި މަންޒަރު ފެނި އެތައް ބައެއްގެ ތައުރީފު އޭނާއަށް އޮއްސަމުންދާއިރު، އޭނާ މަސައްކަތްކުރާ ފުލުހުންގެ އިދާރާއިންވެސް ވަނީ އޭނާ ކުރި މަސައްކަތުގެ އަގުވަޒަންކޮށްފައެވެ.

ގިނަ ޢަދަދެއްގެ ކުޑަކުދިން ބަލަހައްޓާ އެ ހޮސްޕިޓަލުގައި ޑިއުޓީގައި ހުއްޓައި ތުއްތު ކުއްޖަކު ރޯ މަންޒަރު ފެނިގެން ހުއްދަ ހޯދުމަށްފަހު އަޔާލާ އެކުއްޖާއަށް ގާތުން ކިރުދިނީ އެކުއްޖާ ބަންޑުހައިވެގެން ރޯކަން އެނގުމުންނެވެ. އަދި އެވަގުތު ކުއްޖާގެ މަންމަ ނެތްއިރު، އެކުއްޖާއަކީ ބަލި ކުއްޖެއްކަން އެނގުމުން އަޔާލާ ބޭނުންވީ ވަގުތުން އެހީވުމަށެވެ. މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ އަޔާލާގެ އޯގާތެރިކަން ފާހަގަކޮށް އެކަމުން އެންމެންވެސް ނަމޫނާ ލިބިގަތުމަށް ގޮވާލަމުންނެވެ.

މި ހާދިސާއަށްފަހު ބައެއް ނޫސްތަކުގައި ވާހަކަދައްކަމުން އަޔާލާ ބުނެފައިވަނީ، އެކުއްޖާއަކީ ބަލި ކުއްޖަކަށްވުމުން އެއްވެސް ބަޔަކު ކުއްޖާއާއި އަޅާނުލާކަން ފާހަނގަ ކުރެވުނު ކަމަށާއި އޭރު ބަނޑުގައިވެގެން އޭނާ ރޮމުން ދިޔަކަމަށެވެ. ކުއްޖާއަށް ގާތުން ކިރުދިނީ އެމަންޒަރު ބަލާން ކެތްނުކުރެވިގެން ކަމަށް އަޔާލާ ބުންޏެވެ.

"މުޖުތަމަޢުގައި އޮންނަ ލޯތްބަކީ ވަރަށް މާތް ލޯތްބެއް. އެ ލޯބި ދެމެހެއްޓުމަށް ކޮންމެ މީހަކަށްވެސް މަސައްކަތް ކުރެވިދާނެ. މިއަދު މި ތުއްތު ކުއްޖާއަށްޓަކައި ކޮށްދެވުނު ކަމަކީވެސް އެގޮތުން ކުރި ކަމެއް. މަންމައެއްގެ ދައުރު އަދާކުރުމަށް ފަސް ނުޖެހުނީވެސް އެ ލޯބި އަހަރެންގެ ހިތުތެރޭގައި ވާތީ،" އަޔާލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީޑި

    ސާބަސް