އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ސްކޫލް ތެރޭގައި ދިމާވަމުންދާ ހިތާމަވެރި ކަންތައްތަކެއްގެ ވާހަކަ މީޑިއާތަކާއި ހިއްސާކޮށްފައި މި ވަނީ އެ ކުއްޖާގެ މަންމައެވެ. އޭނާގެ އެކުވެރިން ކަމަށް ބުނާ، ދެ ކުއްޖަކު އޭނާ މުޅި ސްކޫލަށް ފަލީހަތް ކުރީ ނުކުރާކަމެއްގެ ކުށުގައެެވެ. ބުލީ ކުރަމުންދަނީ އިންތިހާއަށެވެ.

މި ހުރިހާކަމެއް ފެށުނީ، ކުށެއް ނެތް އެ ކުއްޖާ އޭނާގެ ކުލާސް ކުދިންގެ ދައުވަތަކަށް ގޭމެއް ކުޅެން ނުދިޔުމުންނެވެ. ކުށެއް ނެތް އެ ކުއްޖާގެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ. އެ މައްސަލަ ފުލުހުން ބަލަމުން ގެންދިޔައީ އެ ކުއްޖާއާ ދެކޮޅަށެވެ.

ފުލުހުންވެސް ބުނަމުންދިޔައީ އެ ކުއްޖާއަކީ، އޭނާގެ ދައްތައިންނަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.

އެ ކުއްޖާގެ އިތުރުން، އިތުރު ދެ ކުދިންވެސް ހުންނަ އެ މަންމަ ބުނިގޮތުގައި، 10 އަހަރުގެ ކުދިންތަކެއް ފެށި ކަމަކުން އެ މީހުންގެ އާއިލާއާ ދިރިއުޅުމަށް ބޮޑު ބަދަލެއް އައި ކަމަށެވެ. އަދި ދޮގު ތުހުމަތުތަކާއެކު އެ މީހުންގެ 10 އަހަރުގެ ދަރިފުޅު ދެ ފަހަރަށް އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމަށް އެކުއްޖާގެ މަންމަ ބުންޏެވެ.

"އަހަރެންގެ ދަރިފުޅު އަމިއްލައަށް މަރުވާން ފެށީ ދޮގު ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވެން ފެށުމުން". މަންމަ ކިޔާދިނެވެ.

އެ މަންމަ ކިޔާދިން ގޮތުގައި، އެކުދިން ކުޅުނު ގޭމަކީ އެންމެ ލަހުން ސްކޫލްގެ ގޭޓު ކައިރިއަށް ދެވޭ ކުއްޖާ ހޮވުމެވެ. އަދި އެ ކުއްޖާ ހޮވާ އެ ކުއްޖާއާ ބުލީ ކުރާކަމަށް އެ މަންމަ ބުންޏެވެ. މަންމަގެ އެދުމުގެ މަތިން އެ ކުއްޖާ އެ ގޭމް ނުކުޅުމުން، އޭނާގެ ކްލާސް ކުދިން އޭނާއަށް ބުލީކޮށް، ރޭޕްގެ ތުހުމަތު އަޅުވަން ފެށީކަމަށް ވެއެވެ.

"އެކަން ހިނގިތާ ހަފްތާއެއްހާ ދުވަސްފަހުން ސްކޫލުން އަހަންނަށް ގުޅި ދަރިފުޅު ގެއަށް ގެނައުމަށް. އަހަރެން ސްކޫލްގެ މެނޭޖްމެންޓް ކައިރިން ކިހިނެއްވީތޯވެސް ސުވާލުކުރިން އެކަމަކު އެ މީހުން ކިޔާނުދިން. އެ މީހުން ބުނީ، އެފަދަ ކުއްޖެއް ސްކޫލަށް ބޭނުން ނުވާކަމަށް".

އެ ދުވަހު ފުލުހުން އެ ކުއްޖާ ހައްޔަރުކުރީއެވެ. އެ ކުއްޖާ ހައްޔަރުކުރީ ކީއްވެކަމެއް ސްކޫލުންވެސް ފުލުހުންވެސް ބުނެފައެއް ނުވެއެވެ. އެގޮތަށް މަހެއްހާ ދުވަަސް ފަހުން އެކަން ބޮޑުވެގެން ފުލުހުން ގާތުގައި އެހުމުން ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ ދެ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި އާއި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައެވެ.

އެެ މަންމަ ބުނިގޮތުގައި، އޭނާގެ ދަރިފުޅެއް އެފަދަ ކަމެއް ނުކުރާނެއެވެ. އަދި ކިހިނެއް ކުރާކަމެއްވެސް ނޭގޭނެއެވެ. ނަމަވެސް ފުލުހުންވެސް އޭނާ ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ. އެ މައްސަލާގައި 10 މަސް ވަންދެން އެ އާއިލާ ތިބީ ވޭނާއި ހިތްދަތިކަމުގެ ތެރޭގައެވެ.

އެންމެ ފަހުން މައްސަލަ ވަރަށް މައްޗަށް ދާން ފެށުމުން މި ވާހަކަތައް ފަތުރައިގެން އުޅޭ ކުދިންގެ ތެރެއިން އެކަކު ވަނީ އެއީ އެމީހުން މަޖަލަކަށް ކުރިކަމެއް ކަމަށް ބުނެފައެވެ. އެކަން ފުލުހުންނަށް އެނގުމުންވެސް ފުލުހުން އެ ކުދިންނާއި މެދު ފިޔަވަޅު އަޅާކަށް ބޭނުންނުވިއެވެ. ފުލުހުން އެ މައްސަލަ ނިންމާލީއެވެ.

އެ އާއިލާއިން މިހާރު ވަނީ އެ މީހުން ދިރިއުޅޭތަން ބަދަލުކޮށްފައެވެ. އަދި ސްކޫލްވެސް ބަދަލުކޮށްފައެވެ.

މިއީ އިންގްލޭންޑްގެ ހަމްބާސައިޑްގައި ދިމާވި ހާދިސާއެކެވެ. މި މައްސަލަ ބަލަމުންދިޔައީ ހަމްބާސައިޑްގެ ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު