ދަރިންނަކީ ވަރަށްވެސް މަތިވެރި ނިއުމަތެކެވެ. ފިތުރަތުގެ ސާފު ޠާހިރު ކަންމަތީ ކުށްޖާ ދުނިޔެއަށް ނޭވާލުމަށް ފަހު އެކުއްޖާއަށް އުޅެންވީ ހެޔޮމަގާއި އެނޫންވެސް ކަންކަން ދަސްކޮށްދެނީ ކުއްޖާގެ މައިންބަފައިންނެވެ.

ދުނިޔޭގެ މޮޅެތި ޑޮކްޓަރުންގެ ނަޒަރުގައި ކުއްޖާގެ ޅަފަތުގައި ކަންކަން ދަސްކުރާލެއް އަވަސްވެއެވެ. އަދި ކުޑައިރު ކުއްޖާއަށް ކުރިމަތިވާ ކަންކަން ހަނދާނުގައި ގިނަ ދުވަސްތަކަކަށް ހުރެއެވެ.

މައިންބަފައިންނަކީ ދަރިންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭއިރު އަޅުގަނޑުމެންގެ ތެރެއިން ފެނިގެން ދަނީ ވަރަށްވެސް ނާތަހުޒީބު އަމަލެކެވެ. ދަރިފުޅު ކައިރީގައި ބައިންދައިގެން ދުންފަތުގެ އިންތިއުމާލު ކުރާ މަންޒަރެވެ. ގިނަ މައިންބަފައިންނަށް އެކަމުން ދަރިންނަށް ވާ ގެއްލުން ފަހަރުގައި ނޭނގިދާނެއެވެ.

ނަމަވެސް ދުނިޔޭގެ ތަޖުރިބާކާރު ސައިންސްވެރިންނާއި ޑަކްޓަރުން ވިދާޅުވާ ގޮތުންނަމަ ދުންފަތުގެ އިސްތިއުމާލު ކުރާއިރު އޭގެ ވަހާއި ދުން ޖެހޭ ހިސާބުގައި ތިބޭ މީހުންނަށް ބޮޑެތި ބަލިތަށް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހާއްސަގޮތެއްގައި ދަރިން ކައިރީގައި ބައިތިއްބައިގެން ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކުދިން ފުރާވަރަށް އަޅާއިރު އެކުދިންނަށް ފުއްޕާމޭގެ އެކި ބަލިތަށް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި އެފަދަ ފަރާތްތަކަށް ހިތުގެ ބަލިތަށް ޖެހުމުގެ ފުރުސަތު 10 އިންސައަށް އިތުރުވެއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދަށްކާ ގޮތުގައި ދުންފަތުގެ ވަސް ޖެހުމުގެ ސަބަބުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާއިރު ކައިރީގައި ތިބޭ " ޕެސިވް" ސްމޯކާސްއަށް ކުރިމަތިވާ ބަލިތަކުގެ ސަބަބުން އެތަށް ބަޔަކު ކޮންމެ އަހަރަކު މި ދުނިޔެއާއި ވަކިވެއެވެ. އެގޮތުން ކޮންމެ އަހަރަކު ދުންފަތުގެ އިސްތިއުމާލު ނުކުރާ 100،000 މީހުން ދުންފަތުގެ ވަހުގެ ސަބަބުން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކައިރީގައި އުޅުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި މަރުވެއެވެ.