ދުނިޔެ މިދަނީ ޓެކްނޮލޮޖީގެ ރޮގުން ދުވަހަކަށް ވުރެއް ދުވަހެއް ކުރިއަރަމުންނެވެ. އެގޮތުން ތަފާތު އީޖާދުތަށް ކުރުމާއި ހޯދުންތަށް ހޯދުން ހިމެނެއެވެ. ދުނިޔެ ތަރައްޤީވެފައިވާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ދުނިޔޭގެ އާބާދީގެ 80 އިންސައްތަ މީހުން ސްމާޓް ފޯނު ބޭނުން ކުރުމެވެ.

ސްމާޓް ފޯނަށް މީހުންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ އައު ބްރޭންޑްތަށް ވަނީ ދުނިޔެއަށް ތައާރަފްވެފައެވެ. އެގޮތުން މޯބައިލް ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި އޮތް ވާދަވެރިކަން އިންތިހާއަށް އިތުރުވެފައިވާއިރު ކޮންމެ ކުންފުންޏަކުންވެސް ބަލަނީ ފެންވަރު ރަނގަޅު މޯބައިލް ފޯނެއް މާކެޓަށް ނެރުމަށެވެ.

އެގޮތުން ފަށް ޖަހާލެވޭ ފޯނެއް އުފެއްދުމަށް ދުނިޔޭގެ މޯބައިލް ފޯނު ވިއްކާ އެންމެ ބޮޑު ދެކުންފުނި ކަމަށްވާ ޗައިނާގެ ވާވޭ އާއި ސަމްސަންގް އިން ވަނީ އަތުކުރި އޮޅާލާފައެވެ.

ސަމްސަންގްގެ މޯބައިލް ޑިވިޝަންގެ ރައީސް ޑީޖޭ ކޯ ވިދާޅުވީ ސަމްސަންގްއިން އަބަދުވެސް މަސައްކަތްކުރާނީ ތަފާތު އަދި ފެންވަރު ރަގަނޅު ޕްރޮޑަކްޓް މާކެޓަށް ނެރުމަށް ކަމަށެވެ. އަދި ފަތްޖަހާލެވޭ ފޯނެއް ސްމާޓް ފޯނެއް އަދި އެއްވެސް ކުންފުންނަކުން އުފައްދާފައި ނުވާ ކަމަށާއި ސަމްސަންގް އިން އެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ފަށް ޖަހާލެވޭ ފޯނެއް ހެދުމަށް ބޭނުންވާ ފްރޭމްވޯކާއި އެނޫންވެސް ބައެއް އިދާރީ މަސައްކަތްތަށް މިހާރުވެސް ކުރަމުން އަންނަ ކަމަށް ސަމްސަންގް އިން ބުނެއެވެ.

މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ޗައިނާގެ ވާވޭއިންވެސް ވަނީ ފަށް ޖަހާލެވޭ ފޯނެއް ފުރަތަމަ އުދައްދާނެ ކުންފުންޏަށް ވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ނޮވެންބަރު މަހު އެ ކުންފުނިން ފަތް ޖަހާލެވޭ ޓަޗް ސްކްރީން ފޯނެއް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކު މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ،