"އެކްޝަން ރީޕްލޭ"، "ލަންޑަން ޑްރީމްސް"، "ނަމަސްތޭ ލަންޑަން" އަދި މިއަހަރު ތެރޭ ނުކުންނަން އޮތް "ނަމަސްތޭ އިންގްލޭންޑް"ގެ ވެސް ޑައިރެކްޓަރު ވިޕުލް އަމްރުތަލް، ޓައިފޮއިޑް އާއި ޑެންގޫއަށް ބޭސް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓައިފޮއިޑްގެ އަލާމަތްތަކުގެ ތެރޭގައި، ގަދައަށް ހުން އައުމާއި، ގިނައިން ހޮޑުލެވުން އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންތައްތަކުގެ އިތުރުން، ޑެންގޫ ޖެހިއްޖެނަމަ، ބޮލުގައި ރިއްސުމާއި ހުޅުތަކުގައި ރިއްސުން އަދި ހަންގަނޑު ހިރުވުން ފަދަ ކަންތައްތައް ދިމާވާނެއެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން ވިޕުލްގެ ގާތް މީހަކު ބުނެފައިވަނީ ވިފުލްއަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަތާ މިހާރު ގާތްގަނޑަކަށް ހަފްތާއެއް ވަރު ވެދާނެ ކަމަށެވެ.

"ވިޕުލް އެ ދަނީ ޓައިފޮއިޑް އަދި ޑެންގޫއަށް ބޭސް ކުރަމުން. މިހާރު އެޑްމިޓް ކޮށްފައި އޮންނަތާވެސް ހަފްތާއެއް ވަރުވެދާނެ. އެކަމަކު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުން. ދެތިން ދުވަސް ތެރޭ ގެޔަށް ދޫކޮށްލާނެ ކަމަށް ލަފާ ކުރެވޭ" އެ މީހާ ބުނެފައިވެއެވެ.

ވިޕުލްގެ ކުރިއަށް އޮތް ފިލްމު "ނަމަސްތޭ އިންގްލޭންޑް" ގެ ޕޯސްޓަރެއް މީގެ މަހެއްހައި ދުވަސްކުރިން އާންމުކޮށްފައިވާއިރު، ފިލްމުގެ ޝޫޓިންގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ.

ލީޑް ރޯލުން އެކްޓަރު އަރުޖުން ކަޕޫރާއި އެކްޓްރެސް ޕްރިނީތީ ޗޯޕްރާ ފެނިގެންދާ "ނަމަސްތޭ އިންގްލޭންޑް" އަކީ މީގެކުރިން ވިޕުލް އުފެއްދި "ނަމަސްތޭ ލަންޑަން" ގެ ސީކުއަލްއެކެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު