ޑަޔާނާ ރެއިޑް ދަރިއަކު ހޯދަން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ފާއިތުވި 16 އަހަރު އޭނާ ވަނީ ދަރިއަކު ލިބޭތޯ ފަރުވާ ކުރުމަށް އެކަނި ވެސް 30000 ޕައުންޑް (ބައި މިލިއަން ރުފިޔާ) ހޭދަކޮށްފައެވެ.

ފާޓިލިޓީ ފަރުވާ ހޯދައިގެން ނުވަ ފަހަރެއްގެ މަތިން ބަލިވެ އިން ނަމަވެސް އޭނާ އަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ނަސީބު އަތުގައި ހިފީ ސްޕޭނަށް ދަތުރުކޮށް އެގައުމުގެ ކްލިނިކަކުން ހޯދި ފަރުވާ އިންނެވެ. ސްޕޭންގެ ކްލިނިކަކުން ފާޓިލިޓީ ފަރުވާއެއް ހޯދުމަށް ފަހު ބަލިވެ އިނދެ ޑަޔާނާ މިހާރު ވަނީ ވިހާފައެވެ. ފުރަތަމަ ދަރިފުޅު ލިބުނު އިރު ޑަޔާނާގެ އުމުރުން 52 އަހަރެވެ. މިހާރު އޭނާ އުއްމީދު ކުރަނީ އުމުރުން 55 އަހަރުގައި ދެވަނަ ދަރިއަކު ހޯދޭނެ ކަމަށެވެ.

އިނގިރޭސިވިލާތައް ނިސްބަތްވާ ޑަޔާނާ ފުރަތަމަ ދަރިއަކު ހޯދަން އުޅުނީ އުމުރުން 36 އަހަރުގައެވެ. އަހަރެއް ވަންދެން ކުރި މަސައްކަތުން ކާމިޔާބެއް ނުވުމުން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ލަފާދިނީ އަވީއެފް ފަރުވާ ހޯދާފައެވެ.

"ފުރަތަމަ އައިވީއެފް ފަރުވާ ފެއިލް ވުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް. ފުރަތަމަ ވެސް އުއްމީދު ކުރެވެނީ މިފަހަރު ދަރިއަކު ލިބޭނެ ކަމަށް. އެންމެ ދެރަވީ ފުރަތަމަ ފަހަރު ނުލިބުނީމަ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް ނަފްސާނީ ގޮތުން މިކަމަށް ތައްޔާރުވި." ޑަޔާނާ ބުންޏެވެ.

ޑަޔާނާ ސްޕޭނުން ފަރުވާ ހޯދަން ޖެހުނީ އޭނާ އަށް 50 އަހަރު ވުމުން އިނގިރޭސިވިލާތުގެ އެއްވެސް ކްލިނިކަކުން އޭނާ އަށް ފަރުވާ ދޭން ދެކޮޅު ހެދުމުންނެވެ.

އުނދަގޫ ދުވަސްތަކަކަށް ފަހު ނަމަވެސް ދަރިއަކު ލިބުމުން ޑަޔާނާ މިހާރު ހުރީ އޭނާގެ އެއުނދަގޫ ދުވަސްތައް ހަނދާން ނައްތާލައިގެންނެވެ. އޭނާ މިހާރު ތައްޔާރުވަމުން ދަނީ ދެވަނަ ދަރިއަކު ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާޝާﷲ