ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ މިދަނީ އެތަކެއް ކުރިއެރުންތަކެއް ހޯދަމުންމެވެ. އެގޮތުން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި މިވަނީ އެތަކެއް އައު ހޯދުންތަކެއް ހޯދައި ކުރިން ވުޖޫދުގައި ނެތް އެތަކެއް ކަމެއް ފެންމަތިކޮށްފައެވެ. އޮޅިއަކަށް ފަހު އޮޅިއެއް ގިރާކުރަމުން ގޮސް ސައިންސްވެރިން އަދު މިވަނީ އަނެއްކާވެސް ސައިންސްގެ ގޮތުން އައު ކަމެއް ހޯދައިފައެވެ.

އެގޮތުން ސައިންސްވެރިންގެ ޓީމަކުން ވަނީ 42،000 އަހަރު ވަންދެން މަރުނުވެ ހުރި ފަނިތަކެއް ހޯދައިފައެެވެ.

ރަޝިއާގެ ސައިންސްވެރިންގެ ޓީމުން އެ ފަނިތަށް ހޯދައިފައިވަނީ ބިމުގެ 100 ފޫޓު އަޑިންނެވެ. އަދި ފަނިތަށް ފެނުނު އިރު ފަނިތަށް ވަނީ ވަރަށް ބޮޑަށް ގަނޑުވެފައިކަމަށާއި އެހެންކަމުން ލެބޯޓަރީއަށް ގެންގޮސް 20 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި އެ ފަނިތަށް ބަހަށްޓާފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އަދި ފަނިތަކަށް ބޭނުންވާނެ ކާނާއާއި އެކު އެގޮތުގައި އެތަކެއް ހަފްތާއެއް ބެހެއްޓުމުން ފަނިތަށް ހަރަކާތްކުރަން ފެށިކަމަށްވެސް ސައިންސްވެރިން ބުނެއެވެ. އަދި ބައެއް ފަނިތަށް ކާނާ ކައިފައިވާ ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ، އެހެންކަމުން އެއްސެލްއަށް ވުރެއް ގިނަ ސެލް އެކުލެވިގެންވާ ސޫފިތަކަށް އެތަކެއް ހާސް އަހަރެއްވަންދެން ދިރިއުޅެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އަލަށް ހޯދުނު ހޯދުމަކީ އެކަމަށް ލިބުނު ދިރިހުރި ހެއްކެއް ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ.

މީގެ ކުރިންވެސް ސައިންސްވެރިން ވަނީ ބައެއް ކަހަލަ ފަނިތަށް ލެބޯޓަރީއަށް ގެންގޮސް ތަހުލީހުތަކެއް ކޮށްފައެވެ. އެގޮތުން ގަދަ ހޫނުގައި ފަނިތަށް ބެހެއްޓުމާއި އެނޫންވެސް ކަންކަން ކޮށްގެން ވަނީ ބައެއްކަހަލަ ނެމަޓޯޑްގެ ފަނިތަށް ޓެސްޓް ކޮށްފައެެވެ.