މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ ފަށާއިރު މިރޭ ފެނިގަންދާނީ އަށް ބައިވެރިންގެ ހުށައެޅުމެވެ.

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަން ރާއްޖޭގެ ތިން ސަރަހަށްދެއްގައި ބާއްވާފައިވާއިރު، އޮޑިޝަނުން ހޮވުނު 33 ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ތިއޭޓަރ ރައުންޑްއިން ޕިޔާނޯ ރައުންޑްއަށް ގޮސްފައިވަނީ ޖުމްލަ 16 ބައިވެރިންނެވެ. އެއީ، ‎ޝާން، ތަސްލީމް, ރައިހާން, މުނާޒް, މުރްޝިދް, ނިޝްފާ, ޝަމީލް, ނާޒިހް, އިޝާން, ނައުޝާދް, ޝަހުދާން, ސަލްވާ, ސައިނާ, އަޒަލް, މައިޝާ އަދި އިޝީއެވެ. މީގެ ތެރެއިން މިރޭގެ ޝޯގައި ލަވަ ހުށައަޅާދޭނީ އަށް ބައިވެރިންނެވެ.

ޕިއާނޯ ރައުންޑުން ފެށިގެން އައިޑަލްގެ ކުރިއަށްހުރި ޝޯތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ޖަޖުންގެ އިތުރުން، ބެލުންތެރިންނަށްވެސް އެ ފުރުޞަތު އޮންނާނެއެވެ. އެގޮތުން މިރޭގެ ޝޯގައި ލަވަ ހުށައަޅައިދޭ 8 ބައިވެރިންގެ ތެރެއިން ބެލުންތެރިނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯ ދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވިގެންދާނެއެވެ.

ގަދަ 12 އިން ޖާގައެއް ކަށަވަރުކޮށް، ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ އެލިމިނޭޝަން ނައިޓް މާދަމާ ރޭ އޮންނާނެއެވެ. މިރޭގެ ޝޯ ހުށައަޅާދޭނީ މޫސާ ވަސީމް އަދި ޝައިނާ ޝަރީފެވެ. މިރޭގެ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ 10:30 ގައެވެ.