އެކި މުނާޞަބަތުތަކަށް، ރީތި ގޮތްގޮތަށް ކޭކު އަޅާ މީހުން، އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. އުފަންދުވަހުގެ ޙަފްލާތަކަށާއި، ކައިވެނީގެ ޙަފްލާތަކަށް، އަދި އެނޫންވެސް ކަންކަމަށް، އެކަންކަމާ ގުޅޭ، ނަގާފައިވާ ތީމްތައް، ފެންނަމުންދެއެވެ. މި ކޭކުތަކަކީ، އެތައް މަސައްކަތްތަކެއް ކޮށްގެން، އެތައް ވަގުތެއް ހޭދަކޮށްގެން ކޮށްފައި ހުންނަ މަސައްކަތްތައްކަންވެސް، ފާހަގަކޮށްލަން ޖެހެއެވެ.

ދާދިފަހުން، އޮސްޓްރޭލިޔާގެ މަންމައަކު، އޭނާގެ ދަރިފުޅަށް އެއް އަހަރުވީ ދުވަހު އެޅި ކޭކަކަށް، އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެތައް ބައެއްގެ ސަމާލުކަން، މި ކޭކަށް ލިބިފައިވަނީ، ކޭކު ވައްތަރުކޮށްފައިވަނީ، އިންސާނެއްގެ ސިކުނޑިއާ ކަމަށްވާތީއެވެ.

އޮސްޓްރޭލިޔާގެ މެލްބަން އަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ ލިޒް ބުނެފަައިވާ ގޮތުގައި، އޭނާގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް، އެފަދަ ކޭކެއް އަޅާފައިވަނީ، ޕާޓީގެ ތީމްއާ ވައްތަރުކުރުމަށްކަމަށެވެ. އޭނާ، ޕާޓީގެ ތީމްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ހަންޑިއާއި ޒޮމްބީ ފަދަ އެއްޗެހީގެ ތީމް އެކެވެ.

ސިކުނޑިއެއްހެން އޮތް ކޭކު، ކުޑަކުއްޖާ ކަނީ

ޓެބްލޮއިޑް ނޫހެއްކަމުގައިވާ "ފީމެއިލް" އަށް މައުލޫމާތު ދެމުން ލިޒް ބުނިގޮތުގައި، ސިކުނޑިއަކާ އެއްގޮތަށް ކޭކު ޑިޒައިން ކޮށްފައިވަނީ އަމިއްލައަށެވެ. މިކަމަށްޓަކައި، އޭނާ ފިހާރައަކުން ދެ ޗީޒް ކޭކު ގަނެވަނީ، ބަދަލުތަކެއް ގެނެސްފައެވެ. ސިކުނޑީގައި ހުރި ލޭގެ ގޮތުގައި އޭނާ ބޭނުންކޮށްފައިވަނީ ރާސްބެރީ އާއި ޖޭމެވެ.

ލިޒް އިތުރަށް ބުނި ގޮތުގައި، މި ޚިޔާލު އޭނާއަށް ލިބުނީ، އެކި ވެބްސައިޓުތައް ބަލަމުން ދަނިކޮށް، އެފަދަ ވެބްސައިޓަކުންކަމަށެވެ. އަދި، މި ޚިޔާލު، އާއިލާގެ އެހެން މެންބަރުންނަށް ހުށަހެޅުމުން، އެމީހުންނަށްވެސް މިކަން ވަރަށް ކަމުދިޔަކަމަށް ބުނެފައިވެއެވެ.

މީގެކުރިން، އޮސްޓްރޭލިޔާގެ އެހެން މީހަކުވެސް، ހަމަ މިފަދަ ކޭކެއް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު