ބިމުގެ ސަތަހައާ، 1400 ފޫޓޫ މަތިން ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއްގައި، އަންހެނަކު ވިހައިފިއެވެ. ހެލިކޮޕްޓަރު ތެރޭގައި އަންހެން މީހާ ވިހޭއިރު، އޭގެތެރޭގައި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭން، ފޫޅުމަޔަކު އިނެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމުގައިވާ "ޑެއިލީ މެއިލް" އިން ބުނެފައިވާ ގޮތުގައި، މި އަންހެން މީހާ ވިހާފައިވަނީ، އިނގިރޭސި ކޯސްޓު ގާޑުގެ ހެލިކޮޕްޓަރެއްގައެވެ. މި އަންހެން މީހާ، އޭގެތެރޭގައި ވިހާފައިވަނީ، އެޤައުމުގެ ކައިރީގައި އޮންނަ ސިލީ ރަށްތަކަށް، މި މީހާ ޕިކްނިކް ގޮސް އުޅެނިކޮށް، ބަނޑުގައި ރިއްސައިގަތުމުން، ކޯސްޓު ގާޑުގެ އެހީ ހޯދުމުންނެވެ.

ސިލީގައި މި މީހާ ހުރި ސަރަޙައްދުގައި ފޫޅުމައެއް ނުވަތަ، އެފަދަ އެހެން އެއްވެސް ޞިއްޙީ އެހީތެރިޔަކު ނެތުމުން، ކޯސްޓު ގާޑަށް ޖެހުނީ، އެމީހާ، އިނގިރޭސިވިލާތުގެ މެއިން ލޭންޑުގައި ހުރި ހޮސްޕިޓަލަކަށް ގެންދާށެވެ.

ޑެއިލީ މެއިލް ނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އަންހެން މީހާ ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ. އަދި، އެކުއްޖާގެ ޞިއްހަތުވެސް ރަނގަޅުކަމަށާއި، އެއްވެސް ޞިއްޙީ މައްސަލައެއް ނެތްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މިކަން ހިނގާފައިވާއިރު، ސިލީގައި ހަރަކާތްތެރިވާ ސައުތު ވެސްޓް އެމްބިއުލާންސް ސާވިސް އިން، ކޯސްޓު ގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ، އެރޭ އެޤައުމުގެ ގަޑިން ހަތެއް ޖެހިއިރުކަމަށްވެސް، ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

އިނގިރޭސި ކޯސްޓު ގާޑުގައި މަސައްކަތް ކުރާ އެއިރޯނޯޓިކަލް އޮޕަރޭޝަންސް ކޮންޓްރޯލަރެއްކަމުގައިވާ ޖޮނަތަން މަސްޓާޑް ބުނެފައިވާ ގޮތުގައި، މިއީ އެޤައުމުގެ ކޯސްޓު ގާޑުގެ ހެލިކޮޕްޓަރެއްގައި އަންހެނަކު ވިހޭ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ، ކޯސްޓު ގާޑުގެ ހެލިކޮޕްޓަރެއްގައި އަންހެނަކު ވިހާފައިވަނީ 2012 ވަނަ އަހަރުކަމަށްވެސް، އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު