މިދިޔަ ހޮނިހިރު ދުވަހު އިންޑޮނޭޝިއާގެ ވެރިކަންކުރާ ޖަކާޓާގެ އެންމެ ބޮޑު ސްޓޭޑިއަމްގައި ފެށި 18 ވަނަ އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެޤައުމުގެ ރައީސް، ޖޯކޯ ވިޑޯޑޯ ދެއްވި "ސަޕްރައިޒް" އަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އުމުރުފުޅުން 57 އަހަރުގެ ވިޑޯޑޯ، އޭޝިއަން ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ އެންމެ ފުރަތަމަ ހަރަކާތުން ފެނިގެންދިޔައިރު، ވިޑޯޑޯ ސްޓޭޑިއަމްއަށް ވަޑައިގަތުމަށް މޮޓޯކޭޑުގައި ދަތުރުކުރެއްވި މަންޒަރުގެ ވީޑިއޯއެއް ސްޓޭޑިއަމްގައި ހަރުކޮށްފައި ހުރި ސްކްރީނަކުން ދިޔައީ ދައްކަމުންނެވެ. އެ ވީޑިއޯގެ ވަކި ހިސާބަކުން ވިޑޯޑޯ ކާރުން ފައިބާވަޑައިގެން ސައިކަލެއް ދުއްވާ މަންޒަރު ފެނިގެންދެއެވެ.

އެއަށްފަހު މޮޅު ސްޓަންޓްތަކުން އެތައް ބަޔަކު ހައިރާންކުރުވައި އިންޑޮނޭޝިއާގެ ޢާންމު މަގުތަކުން ވިޑޯޑޯ ސައިކަލުގައި ދަތުރުކުރައްވަމުން ގެންދެވި މަންޒަރު ވީޑިއޯއިން ފެނިގެންދިޔައެވެ. މި ވީޑިއޯ ނިމުނު ވަގުތު، އޭޝިއަން ގޭމްސް ބާއްވާ ސްޓޭޑިއަމްއަށް ވިޑޯޑޯ އެ ސައިކަލުގައި ވަދެވަޑައިގެން އެތަނުގައި ހަދާފައިވާ ސްޓޭޖެއްގެ މަތިން ދުއްވާފައި ވަޑައިގަންނަވައެވެ. އެއާއިއެކު އެވަގުތު އެތަނަށް އެއްވެތިބި އެތައް ހާސް ބަޔަކު ހައިރާންކަމާއި އެކު ވިޑޯޑޯއަށް ތަރުޚީބު ދެމުންދިޔައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، މިހާތަނަށް 1.56 މިލިއަން މީހުން ވަނީ ވީޑިއޯ ބަލާފައެވެ. އެއިން ބައެއް ފަރާތްތަކުން ވިޑޯޑޯގެ އެ ހަރަކާތަށް ތައުރީފު ކުރަމުންދާއިރު، "ސްޓަންޓްމޭން" ފަދަ ހޭޝްޓެޖްތައް ޓްވީޓާގައި ވިޑޯޑޯއަށް ނިސްބަތްކޮށް ބޭނުންކުރަމުން ދެއެވެ.

ނަމަވެސް ވިޑޯޑޯގެ މި ހަރަކާތާއި ގުޅިގެން އިންޑޮނޭޝިއާގެ ބައެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މިއީ އަންނަ އަހަރު އޮންނަ އެޤައުމުގެ ރިޔާސީ އިންތިޚާބަށް ޒުވާނުންގެ ހިތްތައް އަތުލައިގަތުމުގެ ގޮތުން ވިޑޯޑޯ ކުރެއްވި ކަމެއް ކަމަށާއި، ވިޑޯޑޯ މި ރަސްމިއްޔާތުގެ ބޭނުން ހިއްޕެވީ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމަ އެހެންމެ ޢާންމު މަގުތަކުގައި ބާރު ސްޕީޑުގައި ސައިކަލެއްގައި ވިޑޯޑޯ ވަޑައިގަންނަވާ މަންޒަރަކީ މުޖުތަމަޢަށް އެކަމުން ނުރަނގަޅު މެސެޖެއް ލިބިގެންދާނެ ކަމެއް ކަމުގައި އާއި، އެއީ ޤައުމެއްގެ ރައީސެއްގެ ސެކިއުރިޓީއަށްވެސް އެކަމުން ބުރޫއަރާނެ ކަމެއް ކަމަށް، ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ފަރާތްތަކުން ބުނެފައި ވެއެވެ.

ވިޑޯޑޯ ސައިކަލެއްގައި ދުއްވާފައި ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުކޮށްފައިވީނަމަވެސް، އެ ވީޑިއޯގެ ގިނަ ބައިތައް ކުޅެފައިވަނީ ތަޖުރިބާކާރު ފަރާތަކުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ވީޑިއޯގައި ފެންނަ ސްޓަންޓުތައް ހަދާފައިވަނީ ވިޑޯޑޯ ނޫންކަމުގައި އާއި، ސައިކަލް މަތިން ފެނިގެންދިޔަ މީހާގެ މޫނު ނުފެންނަފަދަ ހެލްމެޓެއް އަޅާފައިވުމުން އެކަން ދޭހަވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ތަފާތު ގޮތަކަށް މިއަހަރުގެ އޭޝިއަން ގޭމްސް އިންޑޮނޭޝިއާގައި އެޤައުމުގެ ރައީސްވެސް ބައިވެރިވެވަޑައިގެން ފަށާފައިވާއިރު، އެންމެ ފަހުން އެޤައުމުގައި މި މުބާރާތް ބާއްވާފައިވަނީ 1962 ވަނަ އަހަރުގައެވެ. މި އަހަރުގެ އޭޝިއަން ގޭމްސް، އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.