އިނގިރޭސިވިލާތުގެ އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށްވާ ސާރާ ބެއިލޭ ބަލިވެ އިންކަން ނޭނގި، ދުވަސް ފުރާ ގޭގެ ފާހާނާ ތެރެއަށް ވިހައިފިއެވެ.

ތިން ކުދިންގެ މަންމައެއް ކަމަށްވާ ސާރާ ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިންކަން ނޭނގުނީ ބަލިވެ އިނުމުން ހަށިގަނޑަށް އަންނަ އެއްވެސް ބަދަލެއް ވެސް އޭނާ އަށް ނައުމުންނެވެ. ބަރުދަން އިތުރުވުން ފަދަ އެއްވެސް ބަދަލެއް އޭނާގެ ހަށިގަނޑަށް އައިސްފައި ނުވާއިރު މައްސަރު ކަންތައް ވެސް ކުރިއެކޭ އެއްގޮތައް ކުރިމަތިވަމުން އައިކަމަށް ސާރާ ބުނެއެވެ.

ސާރާގެ ބަނޑުގައި ކުއްލިއަކަށް ރިއްސައިގަނެ ލޭ އަންނަ ފެށިއިރު ގޭގައި ހުރީ އޭނާގެ މަންމަ އެކަންޏެވެ. އެހެންކަމުން މަންމަ އާއި އެކު ސާރާ ވަނީ ފާހާނާ އަށެވެ. ވެގެން އުޅޭ ގޮތެއް ބަލަން އުޅެނިކޮށް ކުއްލިއަކަށް ފެނުނީ ސާރާ ވިހޭތަނެވެ.

ސާރާ އަށް ލިބުނީ ސިއްހަތު ރަނގަޅަށް އޮތް އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ.

ސާރާ ބުނީ ކުއްލިއަކަށް ލިބުނު ދަރިފުޅުގެ ސަބަބުން އޭނާ އާއި ފިރިމީހާ އަށް ވެސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ.

އެއްވެސް ވަރަކަށް ތައްޔާރުނުވެ ތިއްބާ ދަރިއަކު ލިބުނު އިރު ސާރާ އާއި އޭނާގެ ފިރިމީހާ އަށް ދަރިފުޅަށް ބޭނުންވާ ތަކެތި ގަނެވިފައެއް ވެސް ނެތެވެ. ނަމަވެސް އާއިލާ މެންބަރުންނާއި އެކުވެރިން ވަނީ އެމީހުންގެ ދަރިފުޅަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ހަދިޔާ ކޮށްފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ސާރާ އަށް ދިމާވި ފަދަ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު