ސައުދީ އަރަބިއްޔާގެ ރިޔާދްގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އަޅަމުން ދިޔަ ވެހިކަލެއްގައި އަލިފާން ރޯވި ވަގުތު ޒުވާނަކު ވަރަށް ހިކުމްތެރިކަމާއި އެކު ބޮޑު ނުރައްކަލެއް ނުހިނގަނީސް އަލިފާން ކޮންޓްރޯލް ކޮށްފިއެވެ.

ވެހިކަލްގައި އަލިފާން ރޯވުމާއި އެކު ދެން ހަދާނެ ގޮތެއް ނޭނގިފައި ގިނަ ބަޔަކު ތިއްބާ އެތަނުގައި ހުރި ޒުވާނަކު ވަނީ އެހެން ވެހިކަލެއްގައި އައިސް އަލިފާން ރޯވެފައި އޮތް ވެހިކަލް ދުރަށް ޖައްސާފައެވެ.

އަލިފާންގަނޑު ފެތުރުމުގެ ކުރިން އެތަނުގައި ތިބި މީހުންނާއި ވެހިކަލްތައް އަދި މުޅި ސްޓޭޝަން ސަލާމަތް ކުރުމަށް އިސްނެގީ އަބްދުﷲ ނަމަކަށް ކިޔާ ޒުވާނެކެވެ.

އަބްދުﷲ އަކީ ޕެޓްރޯލްޝެޑްގެ ބަޠަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި އޭނާގެ މަސައްކަތް ފާހަގަ ކުރަމުންނެވެ.

އަބްދުﷲ ބުނީ އަލިފާން ރޯވުމާއި އެކު އަލިފާން އެންމެ އަވަހަށް ނިއްވާލެވޭނީ ކިހިނެއްތޯ އޭނާ ވިސްނި ކަމަށެވެ.

"އަހަރެންނަށް ވިސްނުނީ ޕެޓްރޯލް އަޅަމުން ގެންދިޔަ ސަރަހައްދުގައި އެވެހިކަލް އޮވެއްޖެނަމަ ފަސޭހައިން އަލިފާންގަނޑު ފެތުރިގެން ދާނެ ކަމަށް. އެހެންވެ އަހަރެން އަވަހަށް އަހަރެންގެ ވެހިކަލްގައި އައިސް އެވެހިކަލް ދުރަށް ޖެއްސީ" އަބްދުﷲ ބުންޏެވެ.

އަލިފަން ރޯވެފައި އޮތް ވެހިކަލް ދުރަށް ޖެއްސުމާއި އެކު އެތަނުގައި ތިބި މީހުން ވަނީ އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން ލަސްތަކެއް ނުވެ ވެހިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައެވެ.