ހުވަފެނަކީ ބިލާހެކެވެ. އެންމެ ކުރިއްސުރެ މީހުން ގަބޫލު ކުރާ ގޮތަކީ އެއީ އެވެ. ނަމަވެސް ބައެއް ފަހަރު ފެންނަ ހުވަފެނާއި ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނެއެވެ. ދާދިފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި 60 އިންސައްތަ އަންހެނުންނަށް އެމީހުންގެ ފިރިމީހާ ނުވަތަ ލޯބިވެރިޔާ އަށް ބޭވަފާތެރިވާ މަންޒަރު ހުވަފެނުން ފެނެއެވެ. މިގޮތައް ނަތީޖާ ދެއްކީ "ލީސާ" ކިޔާ ކުންފުންޏަކުން 1000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާ އަކުންނެވެ.

ފިރިމީހާ އަށް ނުވަތަ ލޯބިވެރިޔާ އަށް ބޭވަފާތެރިވާ މަންޒަރު ހުވަފެނުން ފެނުމުން ބައެއް އަންހެނުން އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެހުވަފެނުގެ މާނައަކީ ކޮބައިތޯ ވަރަށް ގިނައިން ވިސްނެއެވެ. ނަމަވެސް ސައިކޮލޮޖިސްޓުން ދެނީ ވަރަށް އުފާވެރި ޚަބަރެކެވެ. އެމީހުން ބުނަނީ އެފަދަ ހުވަފެނެއް ފެނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ އެއްވެސް މާނައެއް ހުރި ހުވަފެނެއް ނޫނެވެ.

ނަފްސާނީ އިލްމުގެ ރޮނގުން ޕީއެޗްޑީ ހައްދަވާފައިވާ ޑރ.ކެރިން އެންޑަސަން އެބްރެލް ވިދާޅުވަނީ ހުވަފެނެއްގައި ފިރިމީހާ އަށް ބޭވަފާތެރިވާ މަންޒަރު ފެނުމަކީ ފިރިމީހާ ބޭވަފާތެރިވަމުންދާ ކަމުގެ ހެއްކެތް ނޫނެވެ. އަދި އެއީ ތިބާ ވަރަށް އަވަހަށް ފިރިމީހާ އަށް ބޭވަފާތެރިވާނެ ކަމަށް ނިންމޭނެ ސަބަބެއް ވެސް ނޫނެވެ.

ހުވަފެނަކީ ސިކުނޑިއަށް ފޯރުކޮށްދެވޭ މެސެޖްތަކެއްގެ ސަބަބުން ފެންނަ މަންޒަރެކެވެ. ފިރިމީހާ އަށް ބޭވަފާތެރިވާ މަންޒަރު ހުވަފެނުން ފެންނަނީ ވެސް ކޮންމެވެސް ގޮތަކުން އެފަދަ ކަމަކާއި މެދު ވިސްނިފައި އޮންނާތީއެވެ. ނުވަތަ މީސް މީޑިއާ އިން ނަމަވެސް އެފަދަ ޕޯސްޓެއް ފެނި، ސިކުނޑިއަށް މެސެޖެއް ފޮނުވިފައި ވާތީއެވެ. ނަފްސާނީ އިލްމުވެރިން ބުނަނީ މިހެންނެވެ.

އެހެންކަމުން ފިރިމީހާ އަށް ބޭވަފާތެރިވާ މަންޒަރު ހުވަފެނުން ފެނުމަކީ މައްސަލައެއް ނޫނެވެ.