އެމެރިކާގެ ކެލިފޯނިއާގެ ސަހަރާއެއްގެ ތެރޭގައި ދިރިއުޅެމުންދިޔަ އާއިލާއެއްގެ ތިން ކުޑަ ކުދިން ފްލައިވުޑް ފޮށިގަނޑެއްގެ ތެރޭގައި ދިރިއުޅެމުން ދަނިކޮށް ސަލާމަތްކޮށްފިއެވެ. އެ ކުދިން އެ ފޮށިގަނޑުގެ ތެރޭގައި ދިރިއުޅެމުންދާތާ ހަތަރު ވަރަކަށް އަހަރުވެފައިވާކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ކުޑަ ކުދިންނަށް އަނިޔާވެރިވީކަމުގެ ކުށުގައި އެ ކުދިންގެ މައިންބަފައިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އުމުރުން 11 އަހަރާއި 13 އަދި 14 އަހަރުގެ އެ ކުޑަ ކުދިން ސަލާމަތްކޮށްފައި ވަނީ ސިއްހީ ހާލު ދެރަވެފައިވާ ހާލަތުގައި ކުންޏާއި އެކުދިންގެ އަމިއްލަ ނަޖިހުން ފުރާލެވިފައިވާ ފޮށިގަނޑެއްގެ ތެރެއިންނެވެ. އެ ކުދިންގެ މައިންބަފައިންކަމުގައިވާ އުމުރުން 51 އަހަރުގެ މޯނާ ކާރކް އަދި 73 އަހަރުގެ ޑެނިއެލް ޕެނިކޯ މިގޮތަށް އަމަލުކޮށްފައިވަނީ ގަސްތުގައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ކުދިން ސަލާމަތްކުރި ފޮށިގަނޑުގެ ދިގު މިނުގައި 20 ފޫޓު ހުރި އިރު އުސް މިނުގައި 4 ފޫޓު އަދި ފުޅާ މިނުގައި 10 ފޫޓު ހުރިކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ކުދިން ދިރިއުޅެމުންދިޔަ ސަރަހައްދަކީ ކަރަންޓާއި ފެން ލިބެން ހުރި ސަރަހައްދަކަށް ނުވާއިރު ފުލުހުން ވަނީ އިންސާނުންގެ ނަޖިހުން ފުރިފައިވާ އެތައް ވަޅުގަނޑުތަކެއް އެ ސަރަހައްދުން ހޯދިފައިވާކަމަށް ހާމަކޮށްފައެވެ. އަދި އެ ކުދިންގެ މަންމަ އެ ކުދިންނާއިއެކު ފޮށިގަނޑުގައި ދިރިއުޅެމުންދިޔައިރު އެ ކުދިންގެ ބައްޕަ ދިރިއުޅެމުންދިޔައީ ފޮށިގަނޑާއި ކައިރީގައި ހުރި ޓްރެއިލާރ އެއްގެ ތެރޭގައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ވަނީ މީގެ އިތުރުންވެސް އެ ކުދިން ފޮށިގަނޑުގައި ގެންގުޅެމުންދިޔައީ ގަދަކަމަކުން ނޫންކަމަށް ހާމަކޮށްފައެވެ.