ކޮންމެ އަހަރަކުވެސް ހުރިހާ ބޮޑުބެރު ޓީމް ތަކުން ކަހަލަ ގޮތަކަށް، އީދަށް ޚާއްސަ ކޮށްގެން "އީދު ލަވަ" ނެރެމުންދާއިރު، ރާއްޖެގެ ނަން މަޝްހޫރް މަންދީރަ ބޮޑުބެރު ޓީމް ވެސް މިވަނީ މިފަހަރުގެ އަލްހާ އީދަށް ހާއްސަކޮށްގެން ހިތްގައިމު ރީތި ލަވައެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ.

"އީދު ތަހުނިޔާ" ނަމަކަށް ކިޔާ މި ލަވަ ކިޔައިފައިވަނީ މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލް ކަމެއް ހޯދައިފައިވާ އަދި އެ ޓީމަށް ނިސްބަތްވާ ނައުޝާދް ލަތީފް (ޒަރޭ) އާއި ހަމަ އައިޑޮލްއިން ވިދާލި އަދި މަންދީރައަށް ނިސްބަތްވާ އަބްދުﷲ މުރުޝިދް (ލާރާ) އާއި މަންދީރަ ބޮޑުބެރު ޓީމްގެ އެސިސްޓެންޓް މެނޭޖަރ ކަމުގައިވާ އަހުމަދު ވަލީދު (ފިއްޓެ) އެވެ.

ދިވެހި ސަގާފީ ހެނދުންތަކެއްގައި ފޯރިއާއިއެކު އަންހެން ފިރިހެން ދެ ޖިންސުގެ ޒުވާނުން ނަށަމުންދާ މަންޒަރު ފެންނަ މި ވީޑިއޯ ލަވަ ސްޕޮންސާ ކޮށްފައިވަނީ "ވަގުތު" ނޫހުންނެވެ.

މި ލަވައިގައި ފެނިގެންދާނީ މަންދީރަ ބޮޑުބެރު ޓީމާއި އަންހެން ޓީމް ބާނީގެ ފަންނާނުންނެވެ.

މިފަހަރުގެ މި އީދަށް ހާއްސަކޮށްގެން މަންދީރައިން ނެރުނު މި ލަވައާ ގުޅޭ މައުލޫމާތު "ވަގުތު"އާ ހިއްސާ ކުރަމުން ފިއްޓެ ބުނީ މި ލަވަ ޝޫޓް ކޮށްފައިވަނީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ.

އީދުގެ ތަހުނިޔާ ޅެން ބަހުރުވައިން އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރާ މި ލަވައިގެ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ މާލެ އާއި ވިލިމާލޭގއެވެ.

މި ހިތްގައިމު ލަވައިގެ ޅެން ހަދައިދީފައިވަނީ އަލަށް ޅެންވެރި ކަމުގެ ދުނިޔޭގައި ކުރި އަރަމުން އަންނަ ހުސެއިން ޝަމަލް އެވެ.

"ލަވަ ޝޫޓް ކޮށްފައިވަނީ މާލެ-ވިލިމާލެ ގައި. ޝޫޓިންގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރުއަދާކޮށްލަން. އަދި ލަވަ ޑައިރެކްޓްކޮށްދިން އަހުމަދު ޝިނާން އަށާއި މިއުޒިކް ހަދައިދިން ފަތުހުﷲ ޝަކީލް (ފަތޯ) އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން. އޭގެއިތުރުން މި ލަވަ ސްޕޮންސާ ކޮށްދިން (ވަގުތު ނޫހަށް) ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން" ޝުކުރުގެ ލިސްޓް ކުރު ގޮތަކަށް ފިއްޓެ ކިޔައިދިނެވެ.

ލަވައިގައި ކޮށްފައިވާ ތަފާތު މޭކަޕާއި ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން ފިއްޓެ ބުނީ ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ކެރެކްޓާއާއި ގުޅޭ ގޮތަށް މޭކަޕްކުރީ އަމިއްލައަށް ކަމަށެވެ.

މަންދީރަ ބޮޑުރު ޓީމްގެ ފަރާތުން ދިވެހި ރައްޔިތުންނަށް މި ގެނެސްދިން އީދު ހަދިޔާ ހުރިހާ ފަރާތްތަކަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރެވެއެވެ.