ވޭޕް ކުރުމަކީ މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވެފައިވާ އާދައެކެވެ. މިގޮތުން އަގުބޮޑުކޮށް ވޭޕް ފްލޭވާރ އަދި އެހެނިހެން ވެސް ވޭޕްކުރުމާއި ގުޅުންހުރި އެއްޗެހި ގަންނަނީ ސިނގިރެޓް ބުއިމާއި ދުރަށް ދިޔުމުގެ ގޮތުންކަމަށް ބައެއް މީހުން ބުނެއެވެ.

އެހެންނަމަވެސް ވޭޕް ކުރުމަކީވެސް ހަމަ ސިނގިރޭޓް ބުއިމާއި އެއްފަދަ ކަމެކެވެ. ސިނގިރޭޓް ބުއިންވެސް ހުއްޓާލަންޖެހޭ ފަދައިން ވޭޕް ކުރުމަކީވެސް އެކަމަކާއި ދުރުވުން އެންމެ ބުއްދިވެރި ކަމެކެވެ.

ކޮންމެ ގޮތަކުންވެސް ހަށިގަނޑަށް ނިކޮޓިން ލިބޭނަމަ އެޔަށް އެޑިކްޓްވުން ނުވަތަ ދެވިހިފުމަކީ ވަރަށް ގާތް ކަމެކެވެ. މިގޮތުން ވޭޕް ކުރުމުންވެސް ނިކޮޓިން ހަށިގަނޑަށް ލިބޭއިރު ސިނގިރޭޓް ބުއިމުން ވެސް ހަށިގަނޑަށް ލިބެނީ ހަމަ ނިކޮޓިންއެވެ. ނިކޮޓިން އަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި އަދި އެހާމެ ފަސޭހައިން ދެވިހިފައި އޭގެން ސަލާމަތްވުން އެހާ އުނދަގޫ މާއްދާއެއްކަން އެއީ މި ޒަމާނުގައި އެންމެންވެސް ދަންނަ ވަރަށް އާންމު މައުލޫމާތެކެވެ.

ވޭޕް ކުރާ ފަރާތްތަކަށް އެކަމުގެ އަސްލު ހަގީގީ ގެއްލުން ނޭނގި ދިޔުމަކީވެސް ވަރަށް ގާތް ކަމެކެވެ. މިގޮތުން ސިނގިރޭޓް ފޮށީގެ ބޭރުގައި އެޔާއި ބެހޭގޮތުން ނުރައްކާތެރި އިންޒާރުގެ މެސެޖް އެންމެ ކުޑަމިނުން ހުންނައިރު ވޭޕޮރައިޒާރ އަކީ މިފަދަ އިންޒާރުގެ މެސެޖެއްވެސް ގިނަ ފަހަރަށް އެޔާއިއެކު ހިމެނޭ އެއްޗެއް ނޫނެވެ.

ގިނަ ފަރާތްތަކަށް ވޭޕް ކުރުމުގެ ސަބަބުން ހައިޕޯޓެންޝަން، ހިތުގެ މައްސަލަ އަދި ނިއުމޯނިއާ ފަދަ މައްސަލަތަކާއިވެސް ކުރިމަތިވުމަކީ ވަރަށް ގާތްކަމެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިއީ ވޭޕް ކުރުން ވީހާވެސް އަވަހަށް ހުއްޓާލުމަށް އޮންނަ ސަބަބުތަކުގެ ތެރެއިން މަދު ސަބަބުތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަނިޔާ

    ސިގިރޭޓް ބުއިމުން އެއިން ވަރަށްގިނަ ވިހަ މާއްދާތަށް އެކުލެވޭ. ވޭކްކުރުމުން ނިކޮޓީން ހަށިގަށޑަށް ދިއުމަކީ ކޮފީބުއިމުން ކެފެއިން ހަށިގަނޑަށް ދިއުންފަދަކަމެއް. އެހެންވީމަ ސިގިރޭޓަށް ވުރެ %90 ވޭޕް ރަގަނޅު. ނިކޮޓީން އަށް ދެވި ހިފުމެކޭ ކެފެއިންނަށް ދެވިހިފުމެކޭ ތަފާތެއް ނެތް.

    10
    12