ހެންރީ ކެވިލް އޭ ބުނުމުން މިހާރު އެންމެންގެ ސިކުނޑިއަށް ވެސް އެންމެ އަވަހަށް އަންނާނޭ ނަމަކީ ހޮލީވުޑްގެ ސުޕަމޭންގެ ނަމެވެ. ސުޕަމޭންގެ ފަހުގެ ފިލްމްތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ހެންރީ ކެވިލް އަކީ ހޮލީވުޑްގައި މިވަގުތު ހުރި އެންމެ ނަން ހިނގާ އަދި މަގުބޫލު އެއް ތަރިއެވެ. އެހެންނަމަވެސް ހެންރީ އަކީ ކުރިން މިހާ މަގުބޫލު ފަންނާނެއް ނޫނެވެ. ހެންރީ ކިޔައިދޭގޮތުގައި އޭނާ އަކީ ޅަ އުމުރުގައި އަންހެން ކުދިންގެ ސަމާލުކަން އެއްވެސް ވަރަކަށް ލިބުނު މީހެއް ނޫނެވެ. އެހެންނަމަވެސް މިހާރު އޭނާއަކީ ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ތަރިއެވެ.

ހެންރީ ކެވިލް މަޝްހޫރު ފިލްމް ސީރީޒްތައް ކަމުގައިވާ ޓްވައިލައިޓް އަދި ހެރީ ޕޮޓާއިންވެސް ފެނިގެންނުދިޔައީ ހަމަ ކިރިޔާއެވެ. މި ދެ ސީރީޒްއިން ވެސް އޭނާއަށް މުހިންމު ދައުރުތަކެއް ގެއްލިގެންދިޔައީ މަޝްހޫރު އެހެން އެކްޓަރެއްކަމުގައިވާ ރޮބާޓް ޕެޓިސަން އަށެވެ. މީގެ އިތުރުންވެސް ހެންރީ 50 ޝޭޑްސް އޮފް ގްރޭއިން ވެސް ފެނިގެންނުދިޔައީ ހަމަކިރިޔާއެވެ. ހެންރީ ކިރިޔާ ފެނިގެންދިޔަ ފިލްމްތަކުގެ ލިސްޓަށް ޖޭމްސް ބޮންޑުގެ ފިލްމެއްވެސް ވަނީ އިތުރުކުރަންޖެހިފައެވެ. މިގޮތުން އޭނާ ވަނީ އުމުރުން އެންމެ 22 އަހަރުގައި ޖޭމްސް ބޮންޑްގެ ފިލްމްއަކުން ދައުރެއް ލިބޭތޯވެސް މަސައްކަތްކޮށްފައެވެ.

ހެންރީ އަކީ ހުސް ވަގުތުގައި ޖޮގިންގް ކުރުމަށް އަދި ދުވަން ދިޔުމަށްވެސް ވަރަށް ލޯބިކުރާ ފަރާތެކެވެ. ދެން ހެންރީ އެންމެ ކުރާ ހިތްވާ ކަމަކީ ވިޑިއޯ ގޭމް ކުޅުމެވެ. އަދި ވަކިން ހާއްސަކޮށް މަގުބޫލު ގޭމް 'ސްކައިރިމް' އެވެ. ހެންރީ އަކީ ޖަނަވާރަށް ވަރަށް ލޯބިކުރާ އަދި ނެތިގެންދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރު ހިމާޔަތްކުރުމަށްވެސް ގަދަ އަޅައި މަސައްކަތްކުރާ ފަރާތެކެވެ. މިގޮތުން ހެންރީ ވަނީ މިކަމަށް ހާއްސަ އޭނާގެ އަމިއްލަ ވެބްސައިޓްއެއްވެސް އުފައްދައިފައެވެ.