ކުއްޖާގެ ވަކި އުމުރެއްގައި ބެލެނިވެރިންގެ އަތުން ކުއްޖާގެ ކޮންޓްރޯލް ނެއްޓިގެންދެއެވެ. ފުރަތަމަ ކުދި ކަންކަމުންނެވެ. އެއަށްފަހު ބޮޑެތި ކަންކަމުންވެސް ކުއްޖާގެ ކޮންޓްރޯލް ބެލެނިވެރިންގެ އަތުން ގެއްލިގެން ދެއެވެ.

އޮންލައިންކޮށް ދިރާސާ ކުރާ ސައިޓްއެއް ކަމަށްވާ ވަންޕޯލް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބެލެނިވެރިންނަށް ކުއްޖާގެ ކޮންޓްރޯލް އެންމެ ފުރަތަމަ ގެއްލެނީ އުމުރުން 14 އަހަރުގައި ކަމަށާއި ކޮންޓްރޯލް ފުރަތަމަ ގެއްލެނީ ކާ ކާނާއިން ކަމަށެވެ.

މިދިރާސާގައި ބުނެފައިވަނީ އުމުރުން 14 އަހަރަކީ ކުއްޖާ އައު މީހުންނާއި ބައްދަލުވެ، އައު ރައްޓެހިން އިޚްތިޔާރު ކުރާ އުމުރު ކަމަށާއި މިގޮތުން "ކޫލް" ވުމުގެ ގޮތުން ސިނގެރޭޓްފަދަ ތަކެތި ބޮއެ ހަދާ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ. މިދިރާސާގައި އިތުރަށް ބުނެފައިވަނީ ކޮންމެ 10 އަކުން 4 ކުއްޖެއްގެ މައިންބަފައިންނަށް ކުއްޖާގެ އުމުރުން 14 އަހަރު ވުމުން އެކުއްޖާ ކާ ތަކެއްކާ މެދު ސުވާލު އުފެދޭ ކަމަށާއި މިގޮތަށް 90 އިންސައްތަ ފަހަރު ދިމާވަނީ ކުއްޖާ އާ އެކު އުޅޭ ރަޙްމަތްތެރިންގެ ސަބަބުން ކަމަށެވެ.

ކުއްޖާގެ އުމުރުން 14 އަހަރުވުމުން ކުއްޖާގެ ކެއިން ބުއިމުގެ އާދަތަކުން މައިންބަފައިންގެ ކޮންޓްރޯލް ނެއްޓިގެން ދާއިރު ކުއްޖާ ބޮޑުވާ ވަރަކަށް އިތުުރު ކަންކަމުންވެސް މައިންބަފައިންގެ ކޮންޓްރޯން ނެއްޓޭ ކަަމަށް މިދިރާސާއިން ހާމަވެއެވެ.

ކުއްޖާގެ އުމުރުން 14 އަހަރަކީ ސާނަވީ ތަޢުލީމް ފަށާ ދުވަސްވަރު ކަމުން އަދި މިދުވަސްވަރަކީ ކުއްޖާގެ ހޯމޯންތަކަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމުން ބެލެނިވެރިން މިދުވަސްވަރު ކުއްޖާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު