ޕްލާސްޓިކުން މުޅި ދުނިޔެ ތޮއްޖެހިފައި ވާއިރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދުނިޔެއިން ޕްލާސްޓިކް މަދުކުރުމަށް މަސައްކަތް ކުރާ ފަރާތްތަށް އުޅެއެވެ. އެގޮތުން އާންމު ފަރުދުންނާއި ބައެއް ގައުމުތަކުގެ ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަށް ވެސް ހިމެނެއެވެ.

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ގަލަމަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވީ ހިނދު ޕްލާސްޓިކްގެ ބަދަލުގައި ކަރުދާސް ބޭނުންކޮށްގެން ގަލަން ހަދަން އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރައްޔިތެއް ކަމަށްވާ ހެނަންދެންވާރީ އަސްރަމް ނަމަކަށް ކިޔާ މީހަކު ވަނީ އިސްވެ ބޮޑު ހަރަކާތެއް ފަށައިފައެވެ.

އިންޑިއާގެ އޭ.އެން.އައި އަށް ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ ޕްލާސްޓިކަކީ ތިމާވެށި ހަލާކުކޮށްލާ އެއްޗެއް ކަމަށެވެ. އަދި ކަރުދާހުން ގަލަން އުފައްދަންފެށީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި ބެހޭ ގޮތުން ވީހާވެސް ގިނަ މީހުން އަހުލުވެރިކުރުވުމަށް ކަމަށެވެ.

" ޕްލާސްޓިކަކީ ތިމާވެށި ހަލާކުކޮށްލާ އެއްޗެއް. އަހަރެން ކަރުދާސް ބޭނުންކޮށްގެން ގަލަން ހަދަނީ ޕްލާސްޓިކުންވާ ގެއްލުން ބޮޑުކަން އަންގައިދިނުމަށް. އަހަންނަށް މި މަސައްކަތުގައި އެކި ފަރާތްތަކުގެ އެހީތެރިކަން ލިބޭ " ހެނަންދެންވާރީ ބުނެފައިވެއެވެ.

އަދި ކަރުދާސް ބޭނުންކޮށްގެން އުފައްދާ ގަލަންތަށް ހިލޭ ސްކޫލު ކުދިންނަށާއި އެގަލަންތަށް ބޭނުންވާ ފަރާތްތަކަށް ދެމުން އަންނަ ކަމަށާއި އެއީ އާމްދަނީ ހޯދުމުގެ ގޮތުން ފެށި މަސައްކަތެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގަލަން އުފައްދަނީ ބޭނުން ނުކުރާ ނޫސް ކަރުދާސްތަކުން ކަމަށާއި މިހާތަނަށް 400 ގަލަން އުފެއްދިފައިވާ ކަމަށްވެސް ހެނަންދެންވާރީ ބުނެފައިވެއެވެ.

އަދި މި މަސައްކަތް ފުޅާކުރުމަށް ސަރުކާރާއި އެކުގައި މަޝްވަރާކޮށްފައިވާނެ ކަމުގައިވެސް އޭނާ ބުނެއެވެ. އަދި އިންޑިއާ ސަރުކާރުގެ ވިސްނުންވެސް ހުރީ ޕްލާސްޓިކް މަދުކުރުން ކަމަށް ހެނަންދެންވާރީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު