މިިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރީގެ ދިރިއުޅުމަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ސްރީ ދޭވީގެ މަރަށް ހަފްތާއެއްހާ ދުވަސްވީއެެވެ. އަދިވެސް ގިނަ ބަޔަކަށް ސްރީ ދޭވީ މަރުވެއްޖެކަން ގަބޫލެއް ނުކުރެވެއެވެ. އެގޮތުން ސްރީ ދޭވީއާއެކު މަސައްކަތް ކުރި އިންޑިއާގެ ފިލްމް ޑައިރެކްޓަރ އަދި ސްރީން ރައިޓާ ރާމް ގޯޕާލް ވަރްމާވެސް މި ވަނީ ސްރީ ދޭވީ މަަރުވުމުން އެކަމުގެ ހިތާމަ ކުރަމުން އަންނަކަމަށް ބުނެފައެވެ.

ރާމް މިގޮތަށް ބުނެފައިވާއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ރާމް ބޭނުންވަނީ ސްރީ ދޭވީގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ހަދާށެވެ. އަދި އެކަމުގެ ޕްލޭންތައް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތަށް ރިޕޯޓްތައް ބުނިނަމަވެސް، އޮފިޝަލްކޮށް މިކަމާއި ގުޅޭ އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރާމްއާއެކު އުޅޭ ބައެއް މީހުން ރާމް މިފަދަ ކަމެއް ކުރަން އުޅޭކަމުގެ އިޝާރާތްތަކެއް ދަނީ ވަމުންނެވެ.

ސްރީދޭވީ އަކީ މީގެ 50 އަހަރު ކުރިން ފަށައިގެން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފިޔަޖަހަމުން އައި ތަރިއެކެވެ. އުމުރުން 54 އަހަރުގައި އޭނާ މަރުވިއިރު ދެ އަންހެން ދަރިންނާއި ފިރިޔަކު ދުނިޔޭގައި އެބަތިއްބެވެ.