މެދު އުމުރުގެ އަންހެނުންގެ ތެރެއިން ހަފްތާއަކު އެއްފަހަރު ނުވަތަ އައަށްވުރެ ގިނައިން ހިނގަންދާ އަންހެނުން ހާޓް ފެއިލިއާ ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މެދު އުމުރުގެ 89000 އަންހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ އެ ދިރާސާއިން ދައްކާފައި ވަނީ އަންހެނުން އެހެން ކަސްރަތު ކުރި ނަމަވެސް، ހިނގަން ދިޔުމުން ހާޓް ފެއިލިއާ ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ. އެމެރިކާގެ ބްރައުން ޔުނިވާސިޓީ އިން މި ަހެދި އެ ދިރާސާއަކީ 10 އަހަރު ދުވަހުގެ ތެރޭގައި އެ އަންހެނުންގެ ސިއްހަތަށް އައި ބަދަލު ރިކޯޑުކޮށްގެން ހެދި ދިރާސާއެކެވެ.

އެ ދިރާސާއިން ދެއްކީ މެދު އުމުރުގެ އަންހެނުންގެ ތެރެއިން ހަފްތާއަކު އެއްފަހަރު ހިންގަންދާ އަންހެނުން ހާޓް ފެއިލިއާ ޖެހުމުގެ ފުރުސަތު 5 އިންސައްތަ ދަށް ކަމެވެ. އަދި ހަފްތާާއަކު ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ހިނގަން ދާނަމަ ފުރުސަތު 20 އިންސައްތަ ދަށްވާ ކަމަށް ދައްކައެވެ. ހަފްތާގެ ކޮންމެ ދުވަހަކު ހިނގާ އަންހެނުން ހާޓް ފެއިލާ ޖެހުމުގެ ފުރުސަތު 35 އިންސައްތަ ދަށް ކަމަށްވެސް ދައްކައެވެ.

މީގެ އިތުރުން ދިރާސާއިން ދެއްކީ އަންހެނުންގެ ތެރެއިން ބާރަށް ހިނގާ އަންހެނުން ހިތުގެ މައްސަލަ ޖެހުމުގެ ފުރުސަތު އެހެން އަންހެނުންނަށް ވުރެ ދަށް ކަމެވެ. އަދި 40 މިނެޓަށް ވުރެ ގިނައިރު ވަންދެން ހިނގާ އަންހެނުންނަށް ހިތުގެ މައްސަލަ ޖެހުމުގެ ފުރުސަތު އިތުރަށް ކުޑަ ކަމަށްވެސް ދިރާސާއިން ދައްކައެވެ.

ހާޓް ފެއިލިއާ އަކީ ހިތުން ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ޕަމްޕު ކުރުން ހުއްޓުމަށް ކިޔާ ނަމެވެ. އިނގިރޭސި ވިލާތުގައި އެކަނި ކޮންމެ އަހަރަކު 900000 މީހުންނަށް ހާޓް ފެއިލިއާ ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު