އިންޑިއާގެ އުއްތަރ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ އަޔޯދިޔާގައި ހުންނަ 16 ވަނަ ގަރުނުގެ މިސްކިތެއް ކަމަށްވާ، މަސްޖިދް ބަބްރީއަށް ގެއްލުންދީ ސުންނާފަތި ކުރުމުގައި ބައިވެރިވީ މީހަކު، އެޤައުމުގެ އެކި ކަންކޮޅުތަކުގައި 90 މިސްކިތް ބިނާކޮށްފިއެވެ.

1992 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން އަޔޯދިޔާއަށް އަރައި އެ ސިޓީގެ މުސްލިމުންނަށް އަމާޒުކޮށް ދިން އެ ޙަމަލާގައި، މުޙައްމަދު އާމިރަކީ އިސްކޮށް އުޅުނު ހިންދޫ ދީނުގެ ފާދިރީއެކެވެ. އޭރު އޭނާގެ ނަމަކީ ބަލްބިރު ސިންހެވެ.

މުސްލިމުންނަށް އޭރު އޮތް ރުޅިވެރިކަމުގައި އާމިރާއި އޭނާގެ ބައިވެރިން ބަބްރީ މިސްކިތަށް އަރައި އެތަނަށް ބޮޑެތި ގެއްލުންދީ ބޭނުން ނުކުރެވޭވަރު ކޮށްލިއިރު، އޭނާ ވަނީ އޭގެ ދުވަސްކޮޅެއް ފަހުން އެ ސަހަރުގައި ހިންދޫ ދީނުގެ ފައްޅިއެއްވެސް އަޅާފައެވެ.

"ބަބްރީ މިސްކިތަށް ޙަމަލާ ދިނުމުގައި އެންމެ ކުރީ ސަފުގައި އަހަރެން ހުރިން. އެ މިސްކިތް ސުންނާފަތިކޮށް މިސްކިތުގެ މުންނާރުގެ މައްޗަށް އެންމެ ފުރަތަމަ އެރީވެސް އަހަރެން" އާމިރު ބުންޏެވެ.

މި ހާދިސާއަށްފަހު އެނބުރި އަވަށް އައުމުން، އޭނާ އަކީ ބަތަލެއް ކަމަށް އަވަށުގެ ގިނަ ބަޔަކު ބުނަމުންދިޔައިރު، އެކަމުގެ ސަބަބުން މުސްލިމުންނާއި ދެކޮޅަށް އެފަދަ ކަންތައް ކުރުމަށް އިތުރު ހިއްވަރެއް ލިބިގެން ދޔަ ކަމަށާއި، މުސްލިމުންނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ އޭނާ އަބަދުވެސް ކުރަމުން އައި ކަމެއް ކަމަށް އާމިރު ބުނެފައި ވެއެވެ.

އާމިރު ބުނިގޮތުގައި އޭނާއަށް ތެދުމަގު ލިބުނީ އޭގެ ފަހުން ދިމާވި މުސްލިމް އަންހެނެއްގެ ސަބަބުންނެވެ. މުސްލިމުންނަށް ފުރައްސާރަކޮށް ދުއްތުރާ ކުރަމުންދަނިކޮށް ދިމާވި އެ އަންހެން މީހާ، އަދި މިހާރުގެ އަނބިމީހާ އޭނާއަށް ވިސްނައި ދިން ކަމަށާއި، އެއަށްފަހު ކުރެވުނު ކުށް އިހުސާސް ކުރެވި އެކަމާއި ބިރުވެސްގަތް ކަމަށް އާމިރު ބުންޏެވެ.

އާމިރު ބުނެފައިވަނީ، އަރައިގަނެވުނު ކުށުގެ ބޮޑުކަން ހިތަށް ގެނެވުމުން އަޅުކަމުގައި އޭނާ ގިނަވަގުތު ހޭދަކުރި ކަމަށެވެ. އަދި އެއަށްފަހު ދިރިހުރި ހުރިހައި ދުވަހެއްގައި އިސްލާމް ދީނާއި މުސްލިމުން ދިފާޢުގައި މަސައްކަތް ކުރަން އަޒުމު ކަނޑައެޅި ކަމަށާއި، 100 މިސްކިތް ބިނާ ކުރުން އޭނާގެ ޢުންމީދަކަށްވި ކަމަށް އާމިރު ބުންޏެވެ.

ފާއިތުވެދިޔަ 25 އަހަރުގެ ތެރޭގައި އާމިރު އިންޑިއާގެ އެކި ހިސާބުތަކުގައި ޖުމްލަ 90 މިސްކިތް ބިނާކޮށްފައިވާއިރު އޭނާގެ އަޒުމް އަދިވެސް ވަރުގަދައެވެ. އަދި އިސްލާމް ދީނުގެ ކަންކަން އުނގަންނައި ދިނުމަށް ޚާއްސަ ސްކޫލެއްވެސް އޭނާ މިހާރު ދަނީ ހިންގަމުންނެވެ.

އާމިރު ބުނެފައިވަނީ، 1992 ވަނަ އަހަރުގެ ހާދިސާ އާއި ގުޅިގެން އޭނާއަށް ކުރެވުނު ކުށަށް އިއުތިރާފް ވާކަމަށާއި، އެކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާއަކުން އޭނާއަށް ފިޔަވަޅު އަޅާނަމަ، އެއީ ހައްޤު އަދަބުކަން ޤަބޫލުކޮށް އެކަން ބަލައިގަންނާނެ ކަމަށެވެ.

ބަބްރީ މަސްޖިދަށް ހިންދޫ ދީނުގެ މީހުން އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މުސްލިމުން ހިމެނެއެވެ. ހިންދޫ ދީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެ މިސްކިތް ހުރި ބިމަކީ އެމީހުންގެ ވަރަށް މާތް ކަލާނގެއެއް އުފަންވި ބިމެކެވެ. އަދި ކުރީގައި އެތަނުގައި އެބައި މީހުންގެ ފައްޅިއެއް ހުރިކަމަށާއި، ނަމަވެސް 16 ވަނަ ޤަރުނުގައި މުސްލިމުން އެތަނަށް ވެރިވެގަނެ، ފައްޅި ތަޅާލީ ކަމަށް ބުނެ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންމެން

    މިއީ ހަގީގީވާހަކަ އެއްކަން އެނގޭނެ ހެކި ވަރަށް މުހިންމު. މާތް ﷲ ކޮންމެ ކަމަކަށް ކުޅަދުންވެ ވޮޑިގެންވޭ

  2. ރީތި މޫސަ

    އަލްހަމްދުﷲ ހެޔޮމަގު ދެއްކެވީތީ ޝުކުރުކުރަން

  3. ބެއްޔާ

    ދިވެހިންގެ ތެެރޭވެސް ޤާސިމްމެން ކަހަލަމީހުން ނުއުފެދި. މިކަހަލަ ތެދުވެރި ދީންވެރި މީހުން އެކަކު ނަމަވެސް ހުރިނަމަދޯ