އީދުގެ އުފާ ފާޅުކުރުމަށް ބާއްވާ އީދު ޝޯ ދިނުމަށް މަޝްހޫރް ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) މިއަދު ޅ.ހިންނަވަރަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން ސުނީ ބުނީ އީދުގެ ޝޯ ރޭގައި ލަންކާގައި ދިނުމަށްފަހު މިއަދު ރާއްޖެ އައިސްފައި ވަނީ ފަތިހުގެ ފްލެއިޓުން ކަމަށެވެ.

މީގެކުރިންވެސް ދެ ފަހަރެއްގައި ސުނީ ވަނީ ލަންކާގައި ޝޯ ދީފައެވެ. ނަމަވެސް އީދަކާއި ދިމާކޮށް ލަންކާގައި އީދު ޝޯއެއް އޭނާ ދިން މިއީ ފުރަތަމަ ފަހަރެވެ.

ރޭގެ ތަޖުރިބާ "ވަގުތު" އާއި ހިއްސާ ކުރަމުން ސުނީ ބުނީ ރޭގެ ޝޯ ވަރަށް މަޖާ ކަމަށާއި ޝޯވ ކުރިއަށް ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.

ސުނީގެ މިރޭގެ ޝޯ ހިންނަވަރުގައި އޮތްއިރު، މިރޭގެ ޝޯއާއި އަދި ކުރިއަށް އޮތް ޝޯ ތަކުގައިވެސް ސުނީ އާއިއެކު ޑިސްކޯ އަބްދުﷲ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ޝޯއަށްފަހު ދެން ސުނީގެ މިސްރާބު ހުރީ އެ އޮތޮޅު ކުރެންދޫއަށެވެ. އެއަށްފަހު ހއ.ބާރަށުގައި ވެސް ސުނީގެ އީދު ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ރަށްތަކުގައި އެންމެ ގިނައިން ޝޯވ ދިން އެއް ނެށުންތެރިޔަކީ ސުނީ އެވެ. ބައެއް ރަށްރަށަށް ތިން ހަތަރު ފަހަރުވެސް ގޮސް ޝޯ ދީފައިވާނެ ކަމަށް ސުނީ ބުނެއެވެ. ފަހަކަށް އައިސް ސުނީގެ ޝޯތަކަށް ބެލުންތެރިން ދޭ ސަޕޯޓް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.