ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ވެސް، މިހާރު މި ދަނީ އަޟްހާ ޢީދުގެ ފޯރި ނަގަމުންނެވެ. ކުލަ ޖެހުމާއި، ފައިގެ ތެޅުމުން ފެށިގެން ގޯސް މާލި ޕެރޭޑުތަކާއި ސްޓޭޖު ޝޯވތައް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ދަނީ ކުރަމުންނެވެ. މިފަދަ ބައެއް ހަރަކާތްތަކަކީ، އެކި ސަރަޙައްދުތަކަށް ޚާއްޞަ ކުޅިވަރުތައްކަމަށްވާއިރު، މިކަންކަމުގައިވެސް، އެކި ރަށްރަށުގެ މީހުން ދަނީ މަސްއޫލުވެ އުޅެމުންނެވެ.

ހަޤީޤީ މަށިމާލި- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ޢީދުގައި ކޮށް އުޅޭ ކަންކަމުގެ ތެރެއިން، ނުވަތަ ޢީދު ކުޅިވަރުތަކަށް ބަލާކަމުގައިވާނަމަ، އެއް ރަށެއްގައި ހަމައެކަނި ކުރާ ކަންކަމަށް އެންމެ މަޝްހޫރު އެއް ރަށަކަށްވާނީ، އުތުރުގެ މައި ރަށް، ހދ.ކުޅުދުއްފުއްޓެވެ. ޒަމާނުންސުރެ ވެސް، އެރަށުގައި، އެރަށުގެ އަމިއްލަ ޢީދު ކުޅިވަރުތަކެއް ދަނީ ކުޅެމުންނެވެ. މަށި މާލި ޕެރޭޑާއި، ދަމު ހިނގުމަކީ، އެފަދަ ދެ ކުޅިވަރެވެ.

މި އަހަރުގެ މަށިމާލި ޕެރޭޑު ވެސް ބާއްވާފައިވާއިރު، މި އަހަރުގެ މައި މައުޟޫއަކީ، ބްރިޖު މަތީގެ ކައިވެންޏެވެ. މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު މަތީގައި، އަލަތު ކައިވެނި ކުރެވޭގޮތަށް ސަރުކާރުން ހުޅުވާލާފައިވުމުން، އެކަމަށް ބައެއް ފަރާތްތަކުން، މި ޕެރޭޑުގެ ތެރެއިން ޖޯކު ޖަހާފައިވެއެވެ. ބައެއް ފަރާތްތަކުން، އެކަން ދޭހަވާފަދަ ބޯޑުތައް ހިފައިގެން އުޅުނުއިރު، ބުރިޖެއް ދޭހަވާ ފްލޯޓެއްވެސް ހަދާފައިވެއެވެ.

ބްރިޖު ކައިވެންޏަށް ގުޅިގެން ހަދާފައިވާ މާލި- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

މިކަމުގެ އިތުރުންވެސް، ސިޔާސީ އެހެން މައުޟޫތައް ދޭހަވާ ބައެއް ފްލޯޓުތަކާއި މާލިތައް، ކުޅުދުއްފުށިން ފެނިފައިވެއެވެ. އެގޮތުން، އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ)، ރައީސް ޔާމީން ނަރުދަމާ އަޅުއްވައިދެއްވާފައިވާ ރަށެއްގައި ދެވަނަ ފަހަރަށް ނަރުދަމާ އަޅުއްވަން ބުނުއްވުމުން، އެކަމަށް ހަޖޫ ޖަހާ، ނުފެންނަ ނަރުދަމާއެއްވެސް ދައްކާލާފައިވެއެވެ. ހަމައެހެންމެ، ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށްވެސް ޖޯކު ޖަހާފައިވެއެވެ.

ބްރިޖު ކައިވެންޏަށް ގުޅިގެން ހަދާފައިވާ މާލި- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ހަމައެހެންމެ، ކުޅުދުއްފުށީގެ ރޯ ހައުސްތަކަށް ނިސްބަތްކޮށް ފްލޯޓު ހަދާފައިވާއިރު، ސީ އެމްބިއުލާންސެއްގެ ފްލޯޓުވެސް ފެނިފައިވެއެވެ. މީގެއިތުރުން، ސިފައިންނާއި ފުލުހުންގެ ކޮސްޓިއުމުގައި ތިބި ފަރާތްތައްވެސް ފެނިފައިވާއިރު، ނޫސްވެރިންވެސް، މަށިމާލި ޕެރޭޑުގެ ތެރެއިން ފެނިފައިވެއެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ތެރެއިން- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

މަށިމާލި ޕެރޭޑަކީ، އެއިރެއްގައި، މުޖުތަމަޢުގެ ތެރޭގައި އެންމެ ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކެރެކްޓާތަކެއް ފެންނަ ހަރަކާތެކެވެ. ރާއްޖެއަށް އައި ސިޔާސީ އޮއިވަރުގެ ކުލަވެސް، މި ހަރަކާތުގައި ޖެހިފައިވެއެވެ. އެކަމުގެ ސަބަބުން، ހަރަކާތުގެ އަސްލު ވެސް، މިންވަރަކަށް ގެއްލިފައިވެއެވެ. އަދި، މިކަންކަމުގެ ސަބަބުންނާއި، އިޖުތިމާޢީ މިންގަނޑާ ޚިލާފު ބައެއް ކަންކަމުގެ ސަބަބުން، ބައެއް ފަރާތްތަކުގެ ފާޑު ކިޔުންވެސް، މި ހަރަކާތަށް އަމާޒުވެފައިވެއެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ތެރެއިން- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

އެގޮތުން، ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ޢީދުފަދަ އުފާވެރި މުނާޞަބަތެއްގައި ކުރާ ކަމެއްގެ ތެރެއަށް، ސިޔާސީ ރުޅިވެރިކަމާއި ޙަސަދަ ވައްދައިގެން އުޅުމަކީ، ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެހެން ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ޖިންސީ އަދި ބަދުއަޚުލާޤީ ޝިޔާރުތައް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން މާލި ލައިގެން އުޅުމަކީވެސް އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މީ ގަދަ ބައޔެއް! ކުޅުދުއްފުއްޓޭ ބުނީމަ ނޭގޭނެ! އެރަށަށް އަރާފަ އެރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާ މަޖާކަން އިޙްސާސްނުކޮށެއް ރަށުން ފައިބާގެން ދާން ނުޖެހޭނެ.

  2. މައި

    ކްރިސްޓިއަނުންގެ ޝިއާރު މާލިތެރެއިންވެސް. ކްރޮސް އަކީ ކްރިސްޓިއަނުންގެ ލޯގޯއެއް. މުސްލިމުންގެ ލޯގޯ އަކީ ކްރެސެންޓް (ހަނދުފަޅި) . އެވަރުނޭނގޭ ގަމާރުން މިތިބެނީ

  3. ދަތްދޫނި

    މުޢީޒޫ މި ކުޅިވަރު މަނިކުފާނު ބެއްލެވިންތޯ!

  4. މަނިކު

    ޚުޅުދުއްފުށީ މީހުންނަކީ ރަނގަޅު މީހުންނެއް ނޫން އެމީހުން އެހެން ރަށްރަށަށްގޮސް އަނގަމަޖާކުރަނީ އުޅެންފަސޭހަށް

  5. ހާލުފޮޅި

    ބުރިޖު ހުޅުވާއިރަށް ފުރަތަމަ އަރާތިބޭނީ ތިޔަ ކުޅުދުއްފުށީ ބައިގަނޑު ތޯއްޗެއް.. ހިތުން މާ މޮޅުބައެއް.. ވާނުވާ