އީދާއި ގުޅިގެން މިއަދުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ހަރަކާތްތަށް ކުރިއަށް ގެންދަމުންދާއިރު، އީދު ނިންމުމުގެ ގޮތުން މިރޭ ވިލިމާލޭގައި އީދު ޝޯ އެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އީދު ޝޯ އޮންނާނީ މިރޭ 21:00 ގައި ވިލިމާލެ ބޯޅަ ދަނޑުގައެވެ.

"ވަގުތު"އާ ވާހަކަ ދައްކަމުން ޔޫތް މިނިސްޓްރީގެ ވިލިމާލެ ކޯޑިނޭޓަރު އިސްމާއިލް އިބްރާހިމް ވިދާޅުވީ މިރޭގެ ޝޯގައި ރާއްޖޭގެ ނަން ހިނގާ ދަންމާނު ބޮޑުބެރު ގްރޫޕްއާއި ވިލިމާލޭގެ ޑާންސް ގްރޫޕަކުން ވެސް ހުށަހެޅުންތައް ހުށަހަޅައިދޭނެ ކަމަށެވެ.

ވިލިމާލެ ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ މި ޝޯ ސްޕޮންސާ ކޮށްދީފައިވަނީ ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުންނެވެ.

އީދުގެ އެކި ކަންކަމަށް ވިލިމާލެ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށްވެސް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިރޭ ބާއްވާ މި އީދު ޝޯ މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.

ޕީސްފައުންޑޭޝަންގެ ފަރާތުން އިއްޔެ ހަވީރުވެސް އީދާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ވިލިމާލެ ބޯޅަ ދަނޑުގައި ވަނީ ބާއްވާފައިއެވެ. އަދި މިއަދުވެސް އިއްޔެއެކޭ އެއްގޮތަށް ކުޑަކުދިންގެ ހަވީރު ވިލިމާލެ ބޯޅަދަނޑުގައި ކުރިއަށްދާނެއެވެ.

ރޭވެސް ވިލިމާލެ ބޯޅަދަނޑުގައިވަނީ ބޮޑުމަސް ބޭނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ބަލާލުމަށް ވިލިމާލޭގެ ކުދިބޮޑު ގިނަބައެއް ވަނީ ބޯޅަދަނޑަށް ޖަމާވެފައެވެ.