ޒަަމާން ކިތަންމެ ތަރައްޤީވެގެން އައިކަމަކު އަދިވެސް ލޯބި ހޯދުމަކީ އުދަގޫ ކަމެކެވެ. ނަމަވެސް ސިޓީގެ ޒަމާން މާޒީވެ، ލޯބި ހޯދާ އުޅޭ ގޮތްވެސް މުޅިން ބަދަލު ވެއްޖެއެވެ. މިހާރު ދުނިޔޭގެ ގިނަ ބަޔަކު ލޯބިވެރިން ހޯދަނީ އޮންލައިންކޮށް ސައިޓްއެއް ނުވަތަ ފޯން އެޕްލިކޭޝަން އެއް މެދުވެރިކޮށެވެ.

ނަމަވެސް މިގޮތަށް އޮންލައިންކޮށް މީހުންނާއި ވާހަކަ ދައްކާ ހަދާއިރު، ބައެއް ފަހަރު މީހުންގެ ފުރައްސާރަ އާ ކުރިމަތިލާންޖެހި ނަފްސާނީ ބަލިކަށިކަމެއްގެ ތެރެއަށް މީހާ ވައްޓާލައެވެ. އެލެކްޒެންޑާ ޓްވިޓެން ނަމަކަށް ކިޔާ އަންހެނަކު މަސައްކަތް ފެށީ މިފަދަ މީހުން ހުއްޓުވާ އިންޓަރނެޓްއަކީ ހުރިހާ އެންމެންނަށްވެސް ބޭނުން ކުރެވޭ އެއްޗަކަށް ހެދުމެވެ.

މިގޮތުން އޭނާ ބޭނުން ކުރި އުކުޅަކީ ލަދު ގަންނަވާލުމެވެ. މިގޮތަށް ޖިންސީ ގޯނާ ކުރާ ނުވަތަ ޖެއްސުން ކުރާ މީހުން ލަދު ގަންނަވާލުމެވެ. މިކަމަށް އޭނާ ބޭނުން ކުރަން ފެށީ މީސްމީޑިޔާއެއް ކަމުގައިވާ އިންސްޓަގްރާމެވެ.

ބައިފިލީޕްގެ ނަމުން ނަންދެވިފައިވާ އައިޑީއަކުން މިފަދަ މީހުންގެ ވާހަކަތައް ފޮޓޯއާއިއެކު އާއްމު ކުރަމުން ދާއިރު، މިކަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށް އޭނާ މައުލޫމާތުދެއެވެ. އެލެކްޒެންޑާ ބުނެފައިވަނީ މިކަމަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބެމުން އަންނަ ކަމަށާއި މިހާތަނަށް 4،000 ފަރާތަކުން މިގޮތަށް ސްކްރީންޝޮޓްތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެލެކްޒެންޑާގެ މިމަސައްކަތަށް ގިނަ ބަޔަކު ތަޢުރީފް ކުރަމުންދާއިރު، ގިނަ މީހުން ބުަނަމުންދަނީ މިގޮތަށް ކަންކުރުމުގެ ސަބަބުން މީހުންގެ އަސްލު ސިފަ ބޭޒާރުވެ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ކުރުމުން އެމީހަކާއި އެހެން މީހުންވެސް ދުރުކޮށްދޭ ކަމަށެވެ. އަދި ފުރައްސާރަ ކުރެވޭ މީހާއަށް އަޑު އުފުލުމުގެ ބާރު މި އެކައުންޓްގެ ސަބަބުން ލިބޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.