ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވިތާ 18 ދުވަސް ފަހުން ސަލާމަތް ކުރި ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި އެކުދިންގެ ކޯޗްގެ މިހާރުގެ ވާހަކަތައް "އޭބީސީ" އާއި އެކުދިންނާއި ކޯޗް ހިއްސާ ކޮށްފިއެވެ.

"ވައިލްޑް ބޯސް" ގެ ޓީމްގައި ހިމެނޭ ކުދިން ދިން އިންޓަވިއުގައި އެކުދިން ބުނީ އެމީހުން އަދިވެސް ތިބީ ހޮހޮޅައިން ނިކުތް ދުވަހު ތިބި ވަރުގަދަ އަޒުމުގައި ކަމަށެވެ.

"އަހަރެމެން އެދުވަހު އަޒުމް ކަނޑައެޅިން ދުނިޔޭގެ ހުރިހާ އެންމެން އަހަރެމެން ދެކެވި ލޯބި އަހަރެމެން ވެސް އެންމެން ދެކެ ވާން. އަދިވެސް މިތިބީ އެއަޒުމުގައި." އުމުރުން 14 އަހަރުގެ އަދުލް ސަމޮން ބުންޏެވެ.

"އަހަރެން ބޭނުން ހުރިހާ އެންމެނަށް ޝުކުރު އަދާކުރަން. ތިއެންމެން އަހަރެން ދެކެ ލޯބިވި. އަހަރެން ވެސް ތިއެންމެން ދެކެ ލޯބިވޭ. އަހަރެންނަށް އިހްސާސް ކުރެވޭ ގޮތުގައި ދުނިޔޭގައި ތިބި އެންމެންނަކީ އަހަރެމެންގެ ބެލެނިވެރިން" އަދުލް އިތުރަށް ބުންޏެވެ.

ޓީމްގެ ކޯޗާއި ކުޅުންތެރިން ބުނާ ގޮތުގައި ހޮހޮޅައިގައި ހޭދަކުރި ދުވަސްތަކުގެ ސަބަބުން އެމީހުންނަށް އެންމެ ބޮޑަށް ދަސްވީ ކެތްތެރިވެގެން ކަންތައްތަކާއި ކުރިމަތިލާށެވެ.

ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރަން ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުކޮށް ކޯޗާއި ހުރިހާ ކުދިން ހޮހޮޅައިން ނެރެ ނިމުނީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

"އަހަރެމެން ވައުދުވިން އަހަރެމެންނަކީ މުޖުތަމަޢަށް ނަމޫނާ ބަޔަކަށް ވާން. އަހަރެމެން ރަނގަޅަށް ކިޔަވާނަން. އަހަރެމެން އެންމެން ދެކެ ލޯބި ވާނަން. ދުނިޔެ އިން އަހަރެމެންނަށް ލިބުނު ލޯބި އަހަރެމެން އަނބުރާ ދުނިޔެ އަށް ދޭނަން." 13 އަހަރުގެ ކުޅުންތެރިޔަކު ބުންޏެވެ.

އެކުދިން މުސްތަގުބަލަށްޓަކައި ދެކޭ އުއްމީދުތައް ވެސް ވަރަށް ފޮންޏެވެ. އުމުރުން 13 އަހަރުގެ މާކް އުއްމީދު ކޮށްގެން ހުރީ މެކޭނިކަކަށް ވެވޭނެ ކަމަށެވެ. 14 އަހަރުގެ އެކަރަތު އުއްމީދު ކޮށްގެން ހުރީ ނޭވީ ސީލްގެ ސިފައިންގެ މީހަކަށް ވެވޭނެ ކަމަށެވެ. 14 އަހަރުގެ ޓްލީ އުއްމީދު ކޮށްގެން ހުރީ އާކިޓެކްޗަކަށް ވެވޭނެ ކަމަށެވެ. ދެން ގިނަ ކުދިން އުއްމީދު ކޮށްގެން ތިބީ އިންޓަނޭޝަނަލް ފެންވަރުގެ ޕްރޮފެޝަނަލް ފުޓްބޯޅަށް ކުޅުންތެރިންނަށް ވެވޭނެ ކަމަށެވެ.