އެމެރިކާގެ ކޮލޮރާޑޯ އަށް ނިސްބަތްވާ ކްރިސްޓޮފާ ވަޓް އޭނާގެ މާބަނޑު އަނބިމީހާ އާއި ދެދަރިން މަރާލި މައްސަލައިގައި ފުލުހުން އަނެއްކާވެސް އިތުރު މައުލޫމާތުތަކެއް އިއްޔެ ކޯޓާއި ހިއްސާކޮށްފިއެވެ.

ކްރިސްޓޮފާގެ މައްޗަށް އުފުލާފައިވާ ނުވަ ދައުވާއެއްގެ ޝަރީޢަތުގައި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓަރުން އިއްޔެ ބުނީ ކްރިސްޓޮފާގެ އަނބިމީހާ އޮފީސް ދަތުރަކަށް ފަހު އެނބުރި ގެއަށް އައިއިރު ކްރިސްޓޮފާ އިނީ ދެދަރިން މަރާލުމަށް ފަހު އަނބިމީހާ މަރާލަން ތައްޔާރުވެގެން ކަމަށެވެ.

ކްރިސްޓޮފާގެ އަނބިމީހާ ޝަނަން އާއި ދެދަރިން ކަމަށްވާ ސެލެސްޓާ އާއި ބެލާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މީގެ ހަފްތާއެއް ކުރިންނެވެ.

"ފުލުހުންގެ ތަޙްޤީޤަށް ގަބޫލު ކުރެވޭ ގޮތުގައި ކްރިސްޓޮފާ ފުރަތަމަ މަރާލީ އޭނާގެ ދެދަރިން. އެއަށް ފަހު އޭނާ އިނީ އަނބިމީހާ ގެއަށް އަންނާނެ އިރަކަށް ތައްޔާރުވެގެން. އަނބިމީހާ ގެއަށް އައުމުން އަނބިމީހާ މަރާލީ." ކޯޓުގައި ޕްރޮސެކިއުޓަރަކު ބުންޏެވެ.

ފުލުހުންގެ ތަޙްޤީޤަށް ހޯދި މައުލޫމާތައް ބިނާކޮށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ބުނާ ގޮތުން ޝަނަން މަރާލާފައި ވަނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ. އަދި ބެލާ އާއި ސެކެސްޓާ މަރާލާފައި ވަނީ އޮގަސްޓް 12 ވަނަ ދުވަސް ނިމެން އުޅެނިކޮށް ނުވަތަ 13 ވަނަ ދުވަސް ފެށުނު ތަނާކަމަށް ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކްރިސްޓޮފާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމް އަންނާނެއެވެ. ޕްރޮސެކިއުޓަރުން ކޯޓުގައި ވަކާލާތު ކުރާނީ ވެސް އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައި ދިނުމަށް ބާރުއަޅައެވެ.

ބުރާސްފަތި ދުވަހު އޮތް ޝަރީޢަތުގައި ކްރިސްޓޮފާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ފުލުހުންގެ ތަޙްޤީޤަށް ކުރިން އެނގިފައިވާ ގޮތުގައި ކްރިސްޓޮފާ އޭނާގެ އާއިލާ މަރާލީ އެހެން އަންހެނަކާއި ލޯބީގެ ގުޅުމެއް ބާއްވަމުން ދަނިކޮށް ޝަނަން ބަލިވެ އިނުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ބަލަ އެމެރިކާގައި މަރުގެ އަދަބު ދެވޭތަ؟ ކޮބާ އީޔޫ އާއި އދ؟

    • އަރަތެއް

      ހަހަ...އެބުނާހެން...އެވާނީ އިންސާނީ ހައްޤުތަށް ހިމާޔަތްކުރުމަށް.މުސްލިމް ގައުމެއްގަނަމަ ނަންވާނީ އިންސާނީ ހައްޤުތަކަށް އަރައިގަނެ ހަރުކަށި ފިކުރު ފަތުރަނީކަމަށް...

  2. އިބްރާ

    ކޮބައިތަ ޑރ ޝަހީދު؟ މަރުގެ އަދަބު އެމެރިކާގައި ދެނީއޯލަ. ކޮބައިތަ ހިއުމަން ރައިޓްސް. ކޮބައިތަ ޖުޑިޝަރީ؟ އިންސާފް؟