އެމެރިކާގެ މަސަޗޫސެޓްގެ އަތިރިމައްޗަށް މަރުވެފައި އޮތް 55 ފޫޓް ބޮޑު މަހެއް ލައްވެއްޖެއެވެ.

ޑަކްސްބަރީގެ ފުލުހުންގެ ޑިޕާޓްމަންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ބޮޑު މަހެއް މަރުވެގެން ލައްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މެރިން ބަޔޮލަޖިސްޓުން ވަނީ ބޮޑުމަސް ލައްވި ސަރަހައްދަށް ގޮސް ދިރާސާތައް ކުރުމަށް ބޭނުންވާ ސާމްޕަލްތައް ނަގާފައެވެ. އެއީ ބޮޑުމަސް މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ބޭނުންވާ ދިރާސާތައް ކުރުމަށެވެ.

ބޮޑުމަހުގެ ސާމްޕަލް ނެގި މެރިން ބަޔޮލަޖިސްޓުންގެ ޓީމްގެ ތަރުޖަމާން ޑަޔާނާ މެކޯލީ ވިދާޅުވީ ސާމްޕަލްތައް ދިރާސާކޮށް ބޮޑުމަސް މަރުވި ސަބަބު ދެނެގަންނަން ހަފްތާތަކެއް ނުވަތަ މަސްތަކެއް ވެސް ނެގުން އެކަށީގެންވާ ކަމަށެވެ.

މަރުވެފައިވާ ބޮޑުމަހަކީ "ފިން ވޭލްއެކެވެ." މިއީ އެހެން ބޮޑުމަސްތަކަށް ވުރެ ބާރު ސްޕީޑްގައި ދަތުރުކުރާ ބޮޑުމަހެކެވެ. މެރިން ބަޔޮލަޖިސްޓުން ލަފާކުރާ ގޮތުގައި މިބޮޑުމަސް މަރުވުމަށް މެދުވެރިވި ސަބަބަކީ މާބާރަށް ދަތުރު ކުރަމުން ދަނިކޮށް ދިޔަ ހިކި ސަރަހައްދަކަށް އާދެވުން ކަމަށް ވެދާނެއެވެ. ނަމަވެސް އެކަން ވެސް މުޅިން ކަށަވަރު ކުރެވޭނީ އިތުރު ދިރާސާތައް ކޮށްގެންނެވެ.

މެރިން ބަޔޮލަޖިސްޓުން ވަނީ މިހާރު މިބޮޑުމަހުގެ ބަނޑު ފަޅާ ގިނަ ގުނަވަންތައް ނަގާފައެވެ.

ފިން ވޭލްއަކީ ބޮޑުމަހުގެ އާއިލާގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑެތިވާ ބޮޑުމަހެވެ. ފިންވޭލްއެއް 80 ފޫޓަށް ދިގުވެއެވެ. ފަހަކަށް އައިސް ފިން ވޭލްގެ އާބާދީވެސް މަދުވަމުންދާކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. މިހާރު ދުނިޔޭގައި އުޅޭނެކަމަށް ލަފާކުރެވެނީ 50000 އާއި 90000 އާއި ދެމެދުގެ ފިން ވޭލް އެވެ. ފިން ވޭލްއެއް ގަޑިއަކު 23 މޭލުގެ ބާރުމިނުގައި ދަތުރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ނޫން ވަގުތުން ސާމްޕަލް ލިބެނެވާނެ.
    މިއީ މިޤައުމުގެ ބަެއް މީހުން ކަންކަމުގައި ދެކޭ ގޮތެވެ.