ދުނިޔެއަށް ބިންދާލި މޯބައިލް ފޯނުގެ ރާޅުގައި، މޮޓޮރޮލާ ކުންފުނީގެ ބޮޑު އަތެއްވެއެވެ. ދުނިޔެއަށް މޯބައިލް ފޯނު އާއްމުވެ، އެތައް ބައެއްގެ މެދުގައި އެވަސީލަތްތައް އާއްމުވުމުގައި، އެކުންފުނިން އާއްމުކުރި ޓެކްނޮލޮޖީ އަދާކޮށްފައިވަނީ މުޙިއްމު ދައުރެކެވެ. އެކުންފުނިން ތަޢާރަފްކޮށް ދުނިޔެއަށް ދޫކޮށްލި ލައްޕާލެވޭ ނުވަތަ ފައްޖަހާލެވޭ ފޯނަކީ، އެތައް ބަޔަކު ފުރަތަމަ ގެންގުޅު ފޯނެވެ.

މިއީ، އެތައް ބައެއްގެ ހަނދާންތަކާ ގުޅިފައިވާ މޯބައިލް ފޯނަކަށްވާއިރު، މޮޓޮރޮލާ ކުންފުނިން ދަނީ، މި ބާވަތުގެ ފޯނު، ދުނިޔޭގެ ބާޒާރަށް އަލުން ނެރުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، އެކަން، އެކުންފުނިން ކުރާނީ ސީދާ ކޮން އިރަކުންކަމެއް ހާމަކޮށްފައި ނުވެއެވެ.

މޮޓޯ ރޭޒަރ ގެ ނަމުގައި ބާޒާރަށް ނެރެގެން ވިއްކި މި ފޯނުގައި، އެދުވަސްވަރުގެ ދުނިޔެއާއި، އެދުވަސްވަރު ސައިންސާއި ޓެކްނޮލޮޖީ އޮތް މިންވަރަށް ބަލާކަމުގައިވާނަމަ މޮޅެތި ސިފަތަކެއް ހުއްޓެވެ. އަދި، އެ ގިނަ ސިފަތައް ނެރުމުގެ ޕޭޓަންޓް، މޮޓޮރޮލާ ކުންފުނީގެ އަތުގައި އޮތެވެ. އަނެއްކާވެސް، އެކުންފުނިން މި ފޯނު ނެރެނީ، މި ޕޭޓަންޓް ތަކުގެ ދަށުންކަމަށް، ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެފަދަ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިފަހަރު ނެރޭ ފޯނުތަކުގައި އެހެން މޮޅެތި ފީޗަރ ތަކެއް ހުރުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެގޮތުން، ސީދާ ސްކްރީން ފައްޖަހާލުމުގެ ފީޗަރތައް، މޮޓޮރޮލާގެ މި ފޯނުތަކުގައި ހުރުން އެކަށީގެންވާކަމަށްވެއެވެ. އަދި، އެކަންކަން ކުރުމަށްޓަކައި، އެކުންފުނިން ޕޭޓަންޓް ހޯދާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މޮޓޮރޮލާ އިން މި ފޯނު ހެދުމުގެ ޕޭޓަންޓް ހޯދާފައިވީކަމުގައިވިޔަސް، މިކަން ޙަޤީޤަތަށް ނުވެދާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއވެެ. އެހެންނަމަވެސް، ގިނަ ބައެއްގެ އުންމީދަކީ، މިފަދަ ފޯނެއް، އަލުން ބާޒާރަށް އައުމެވެ.